ސ. ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީކުރާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އެ މަޝްރޫއު ފެށުމަށް މިއަދު ސ. ހުޅުމީދޫގައި ބޭއްވި ރަސްމިއްޔާތުގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި، މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމްއާއި، މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީއާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އެކުންފުނީގެ އިސްވެރިންގެ އިތުރުން ހިތަދޫ ބައެއް ދާއިރާތަކުގެ މެމްބަރުންނާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝިފާޒު އަލީއާއި އައްޑޫ ސިޓީގެ މޭޔަރާއި އެމްޕީއެލްގެ ސީއީއޯ ބައިވެރިވެވަޑައިގެންނެވި އެވެ.

އެ މަސައްކަތުގެ ދަށުން، 380,471 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި 788.1 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 97 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތް ހިމެނެ އެވެ.

ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީއިން އެމްޓީސީސީއާ ހަވާލުކުރި އެ މަސައްކަތަކީ 80.68 މިލިއަން ރުފިޔާގެ މަސައްކަތެކެވެ.