މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒު ދޭން ފަށައިފި އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ހެނދުނުން ފަށައިގެން ކޮވިޝީލްޑްގެ ދެވަނަ ޑޯޒު މާލެ ސަރަހައްދުގައި ޖަހައިދޭން ފަށާފައިވާ ކަމަށެވެ. އެ ވެކްސިންގެ ދެވަނަ ޑޯޒު ދޭން ފަށާފައިވަނީ ފުރަތަމަ ޑޯޒު ދޭން ފެށިތާ ދެ މަސް ފަހުންނެވެ.

ދެވަނަ ޑޯޒު ޖަހަންދާއިރު، ވެކްސިން ކާޑާއެކު އައިޑީކާޑު، ޕާސްޕޯޓު ނުވަތަ ލައިސަންސް ކާޑު ގެންދިއުމަށް އެޗްޕީއޭއިން ބުނެ އެވެ. އަދި ރަނގަޅަށް ކައިގެން ވެކްސިން ޖަހަން ދިއުމަށާއި ހުން އައުމާއި ބަލީގެ އެއްވެސް އަލާމާތެއް ހުރުން ނުވަތަ ކޮންޓެކްޓަކަށް ވާނަމަ ވެކްސިން ޖަހަން ނުދިއުމަށްވެސް އެޗްޕީއޭއިން ބުނެ އެވެ.

ފުރަތަމަ ޑޯޒު ދީފައިވަނީ ފެބްރުއަރީ އެކަކުން ފެށިގެން މާޗު 15އާ ހަމައަށެވެ.

ރާއްޖޭގެ ހެލްތު މިނިސްޓްރީއާއި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުން ރާއްޖެއިން ގަތް އެއްލައްކަ ޑޯޒް ކޮވިޝީލްޑް ވެކްސިން މިދިޔަ މަހު 29ވަނަ ދުވަހު ރާއްޖެއަށް ވަނީ ގެނެސްފަ އެވެ.

އެ އެއްބަސްވުމުގެ ދަށުން ޖުމުލަ ދެލައްކަ ޑޯޒުގެ ވެކްސިން ގެނައުމަށް އެއްބަސްވެފައިވާއިރު، މިހާރު ގެނެސްފައިވަނީ ފުރަތަމަ ބެޗުގެ ޑޯޒުތަކެވެ.

އިންޑިއާ އިން ވަނީ މީގެ ކުރިން ރާއްޖެއަށް ދެ ލައްކަ ވެކްސިން ޑޯޒް ހަދިޔާ ކޮށްފައެވެ. އަދި ކޮވެކްސް ފެސިލިޓީއިން ވެސް ވަނީ ރާއްޖެއަށް 12،000 ކޮވިޝީލްޑް ވެކްސިން ޑޯޒު ލިބިފައިވެއެވެ. އަދި އެސްޓްރަޒެނެކާ ސިންގަޕޫރު ކުންފުންޏާއެކު ވެސް ސަރުކާރުން ވަނީ ހަތް ލައްކަ ޑޯޒްގެ ވެކްސިން ގަތުމަށް އެއްބަސްވުމެއް އެކުލަވާލައިފަ އެވެ.

ކޮވިޝީލްޑްގެ ދެވަނަ ޑޯޒު ޖަހަން ފަށާފައިވާއިރު، މިވަގުތު ރާއްޖޭގައި ފުރަތަމަ ޑޯޒު ޖަހައިދެމުންދަނީ ސައިނޯފާމް ވެކްސިން އެވެ. އެ ވެކްސިންގެ ދެ ލައްކަ ޑޯޒު ޗައިނާ އިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާއިރު އޭގެ ތެރެއިން އެއް ލައްކަ ޑޯޒު މިދިޔަ ހަފްތާގައި ރާއްޖެއަށް ވަނީ ގެނެސްފަ އެވެ. ސައިނޯފާމްގެ ދެވަނަ ޑޯޒު ޖަހާނީ ފުރަތަމަ ޑޯޒު ޖެހުމަށްފަހު ހަތަރު ހަފުތާ ފަހުންނެވެ.

ރާއްޖެއިން ވަނީ ފައިޒާ ވެކްސިނަށްވެސް ހުއްދަ ދީފަ އެވެ، އެ ވެކްސިންގެ 5،850 ވެކްސިން ޑޯޒު ރާއްޖެ ގެނެސްފައިވާއިރު އަދި އެ ވެކްސިން ދޭން ފަށައިފައެއް ނުވެ އެވެ.

ރާއްޖެއިން މިހާތަަނަށް ޖުމުލަ 241،127 މީހުން ވަނީ ވެކްސިން ޖަހާފަ އެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 132،044 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 109،083 މީހުންނެވެ.