ރޯދަމަހަށް ވަގުތު ނިކަން ކުޑަތަންވެއްޖެއެވެ. ބާޒާރުމަތި ހަލަބޮލި މަގުތަކުގައި ބާރު ބޮޑުވެއްޖެއެވެ. އެންމެންހެން ތެޅިފޮޅެނީ ރޯދައަށް ބޭނުންވާ ސާމާނުތައް އެއްކޮށް ގޭތެރެ ތަރުތީބުކޮށް ޒީނަތްތެރިކުރުމަށެވެ. އެހެންކަމުން މިފަހަރު މިދެނީ އެފަރާތްތަކަށް ކުޑަ އެހީއެކެވެ.

އަވަން ސާފުކޮށްލުން ކޮންމެހެންވެސް ބުއްދިވެރި!

ކޮންމެފަހަރަކީ އަދި ބަދިގެ ސާމާނުތައް މުޅިން އާކޮށްލާނެ ފަހަރެއް ނޫންތާއެވެ. ހަލާކުނުވެ އަދިވެސް ބޭނުންކޮށްލެވޭނަމަ އެންމެ ބުއްދިވެރީ އަދިވެސް އެ އެއްޗެހި ބޭނުންކޮށްލުމެވެ.

މިގޮތުން އަވަނެއް ސާފުކޮށްލުމަކީ މާ އުނދަގޫ ކަމެއްވެސް ނޫނެވެ. ގޭތެރޭގައި ހުރި ދެތިން އެއްޗެއް ބޭނުންކޮށްގެން ފަސޭހައިން މިކަން ކުރެވޭނެ ގޮތެއް އެބައޮތެވެ. ބޭކިން ސޯޑާ އަވަން ތެރެެއަށް ރަނގަޅަށް އަޅާލުމަށްފަހު ވިނެގާ ސްޕްރޭކޮށްލާށެވެ. އަދި ދެތިން ގަޑިއިރު ވަންދެން ބެހެއްޓުމަށްފަހު ތެތް ސްޕޮންޖަކުން ހާކާލާއި ސާފުކޮށްލާށެވެ.

އަދި އަވަންގެ ބިއްލޫރި ދޮރު ސާފުކޮށްލަން މައިކްރޯ ފައިބާ ފޮތިކޮޅެއް ބޭނުންކޮށްލާށެވެ.

މައިކްރޯވޭވް، މަތިން ހަނދާން ނައްތާ ނުލާތި!

ދެން މިއޮތީ މައިކްރޯވޭވް އެވެ. އެކިއިރުއިރު މަތިން އެކި ބާވްތަތަކުގެ ކާޢެއްޗެހި ހޫނުކޮށް ތައްޔާރުކުރުމަށް ބޭނުންކޮށްކޮށް އެކިފާޑުގެ ވަސްތަކާއި ކާއެއްޗެހި ވެރިފައި ހުރުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެކަމަކު ރޯދަމަހަކަށް ބަދިގެތެރެ ތަރުތީބުކޮށް ސާފުކޮށްލާއިރު މިގޮތެއް ކަމަކު ނުދާނެތާއެވެ. އަވަހަށް ޖޯޑެއްގެ ފެން މައިކްރޯވޭވް ކުރެވޭ ކަހަލަ ތަށްޓަކަށް އަޅައި ދެ މޭޒުމަތީ ސަމްސާ ލުނބޯ ނުވަތަ ވިނެގާ އަޅާ 5 މިނިޓު ނުވަތަ 10 މިނިޓު ވަންދެން މައިކްރޯވޭވް ކޮށްލާށެވެ. އެއަށްފަހު އިރުކޮޅެއް ވަންދެން އަނެއްކާވެސް އެތެރޭގައި ތަށި ބެހެއްޓުމަށްފަހު ނަގައި ތެތް ފޮތިކޮޅަކުން ސާފުކޮށްލާށެވެ. ވަރަށް ފަސޭހައިން ހުރިހާ ހަޑިތަކެއް ފުހޮވޭނެއެވެ.

ބަދިގެ ކަބަޑުތައް، އެއްޗެހި ގިނަ ނުކޮށް ދެންވެސް މަދުކުރޭ!

ކިތަންމެ މޮޅު ރީތި އެއްޗެހިތަކެއް ގެންގުޅުނު ނަމަވެސް ތަރުތީބުކަން ނެތީވިއްޔާ އެކަމަކުން ވާނެ އެއްވެސް ފައިދާ އެއް ނޯންނާނެއެވެ. ދެންވެސް އެކި ޕޭޖުތަކުންނާއި ފިހާރަތަކުން ތެލިސެޓާއި، ތަށިބަރިތައް ނުހާވާ މިހާރު ތިގެންގުޅޭ ސާމާނުތައް ނިކަން "ޑީ ކްލަޓާ" ކުރެވޭތޯ ބަލާބަލާށެވެ. ކަބަޑުތަކުގެ ތެރޭގައި ހުރި ހުރިހާ އެއްޗެއް ނެރެ، އެއްވެސް ކަހަލަ ސޫފާސޫފީގެ އަސަރެއް ހުރިނަމަ އެއެއް ފިލުވާލައި ހިރަފުސް ފޮޅައި ރީތިކުރުމަށްފަހު އަނބުރާ ކަބަޑު ތެރޭގައި ބަހައްޓަންވާނީ ކޮންމެހެން އެ އެއްޗެއްގެ ބޭނުމެއް އޮތްކަމުގައިވާނަމަައެވެ. ނޫނީ ތި ގިނަކުަރަނީ ބޭކާރު އެއްޗިއްސެވެ. ގެއްލެނީ މުހިންމު ތަދު ޖާގަަތަކެވެ.

ތަށި ދޮވުމުގެ ޑިއުޓީގެ ކުރިން ސިންކްގެ ހާލުވެސް ބެލުން ރަނގަޅު!

ރޯދަމަހު ބަދިގެތެރޭގެ އެކި ކަންކަން އާއިލާގެ އެކި މެންބަރުންނަށް ހަވާލުވާއިރު ތަށި ދޮވުމަކީ އެންމެ ބޮޑު އެއް ޒިންމާކަން ގައިމެވެ. އަދި އެހެން މަސްތަކާއި ޚިލާފަށް މިއީ ގިނަ ފަހަރު އެންމެން އެއްކޮށް އެއް ސުފުރާއަކުން ކައި އުޅޭ މަހަކަށްވުމުން ދޮންނަންޖެހޭ ތަށިތައްވެސް އެހާމެ ގިނަވާނެ އެވެ. އެހެންކަމުން ސިންކު ރަނގަޅަށް ދޮވެލައި ފެން ރަނގަޅަށް ދައުރުވޭތޯ ދުރާލާ ޗެކްކޮށްލުން ރަނގަޅެވެ.

ސިންކު ސާފުކޮށްލުމަށް ބޭކިން ސޯޑާކޮޅެއް ސްޕޮންޖްގައި ހާކާލުމަށްފަހު ސިންކުގައި އުނގުޅާލާށެވެ. ބޭނުންނަމަ ވިނެގާ ކޮޅެއްވެސް އެއްކޮށްލެވިދާނެއެވެ. އަދި ހޫނު ފެން އަޅައި ކުދި ބްލޮކްތަކުން ސިންކު ސަލާމަތްކޮށްދޭނެ އެވެ.