މާލެ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި ގައިދުރުކޮށް ނަމާދުގެ ޖަމާއަތް ހެދުމަށް އިސްލާމިކް މިނިސްޓްރީން އެންގި އެންގުން ނިމުމަކަށް ގެނެސްފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައިދުރުކޮށް ނަމާދު ކުރުމަށް ނިންމާފައިވާ ނިންމުން މިއަދުގެ މަޣްރިބު ނަމާދަށްފަހު ނިމުމަކަށް އަންނާނެ ކަމަށެވެ.

އެހެންކަމުން މިއަދުގެ މަޢްރިބު ނަމާދުން ފެށިގެން މިސްކިތްތަކުގައި ނަމާދުކުރާނީ ޖަމާއަތުގައި ކައިރި ކައިރީ ތިބެގެންނެވެ.

މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ހަމައަކަށް އެޅިފައި ނުވާތީ މާލެ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި ގައިދުރުކޮށް ނަމާދުގެ ޖަމާއަތް ހެދުމަށް އިސްލާމިކް މިނިސްޓްރީން އެންގީ މިދިޔަ މަހުގެ ފުރަތަމަ ދުވަހު އެވެ. ނަމަވެސް އެ މައްސަލައިގައި އިލްމުވެރިންގެ މެދުގައި ވަނީ ދެބަސްވުން އުފެދިފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ ރަމަޟާން މަހުގައި މުޅި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ފަރުޟު ނަމާދުތަކާއި، ހުކުރު ނަމާދު އަދި ތަރާވީހް ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުހަދަ އެވެ.

އިސްލާމިކް މިނިސްޓްރީން ކުރިން ނިންމާފައި އޮތީ މި އަހަރުގެ ރަމަޟާން މަހު ގައިދުރުކަމާއެކު ތަރާވީހު ނަމާދުކުރުމަށެވެ. ނަމަވެސް މިއަދު މިގެނައި ބަދަލާއެކު، ރަމަޟާން މަހު ތަރާވީހު ނަމާދު ކުރާނީ ގައިދުރުނުކޮށެވެ.

ކޮވިޑް19ގެ މި ހާލަތުގައި މިސްކިތްތަކުގައި ގައިދުރުކަމާއެކު ނަމާދުގެ ޖަމާއަތް ހެދުމަކީ މަކްރޫހަ ކަމަކާ ނުލާ ހުއްދަ ކަމެއް ކަމަށް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން ވެސް ވަނީ ބުނެފަ އެވެ.