02 Apr 2021, 15:18
އަތޮޅުތެރޭގެ ރަށްތަކުން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 800 އަށްވުރެ މައްޗަށް އަރައިފި އެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން، މިވަގުތު މާލެ ސަރަހައްދު ފިޔަވައި މީހުން ދިރިއުޅޭ 17 ރަށެއް އޮތީ މޮނިޓަރިންގެ ހާލަތަށް ގެންގޮސް، އަރައިފޭބުން މަނާކޮށްފަ އެވެ.
އެއީ ދ. ކުޑަހުވަދޫ، ރ. އުނގޫފާރު، ދ. މީދޫ، ކ. ހުރާ، ކ. ދިއްފުށި، ޅ. ނައިފަރު، ރ. މަޑުއްވަރި، ރ. ހުޅުދުއްފާރު، ޅ. ފެލިވަރު، ޅ. ހިންނަވަރު، ރ. އަލިފުށި، ގދ. ތިނަދޫ، ޅ. އޮޅުވެލިފުށި، ނ. ހޮޅުދޫ، ރ. މާކުރަތު، ޅ. ކުރެންދޫ، އަދި ށ. މަރޮށި އެވެ.
އެ ރަށްތަކުން މިހާތަނަށް ކޮވިޑްގެ ޖުމްލަ 833 ކޭސް ފެނިފައިވެ އެވެ. އަތޮޅުތެރެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 591 ދިވެހީންނާއި 242 ބިދޭސީންނެވެ. އަތޮޅުތެރެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ފުރަބަންދުގައި ތިބި 109 މީހުންނެވެ. ގިނައީ ކޮންޓެކްޓުންނާއި ރެންޑަމް ސާމްޕަލް އިން ޕޮޒިޓިވްވި މީހުންނެވެ. އިއްޔެ އެކަނި އަތޮޅު ތެރެއިން 119 ކޭސް ފެނިފައިވެ އެވެ.
މި ފަހަކަށް އައިސް މާލެ އިން ފެންނަ ކޭސްތަކަށް ވުރެ އަތޮޅުތެރެއިން ފެންނަ ކޭސްތައް ގިނަވެފައި ވާއިރު، އެންމެ ގިނަ ކޭސްތައް ފެންނަނީ ފެލިވަރުންނެވެ. އިއްޔެގެ ނިޔަލަށް ފެލިވަރުން 245 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
ފެލިވަރު ކްލަސްޓާގެ ކޭސްތައް ޅ. އަތޮޅުގެ ރަށްތަކުން ވަނީ ފެނިފަ އެވެ. ދެވަނައަށް އެންމެ ގިނަ ކޭސްތައް ފެނިފައި ވަނީ އެ އަތޮޅު ނައިފަރުންނެވެ. ނައިފަރުން މިހާތަނަށް 141 ކޭސް ފެނިފައިވެ އެވެ. ހުރާ އިން 110 ކޭސް ފެނިފައިވާއިރު، ދިއްފުށިން 93 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
އަތޮޅު ތެރެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ ތިން މީހަކަށެވެ.