01 Apr 2021, 20:51
ލ. ނައިފަރު ކްލަސްޓާގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވްގެން ށ. މަރޮށިއާއި ޅ. ކުރެއްދުއަށް އަރާ ފޭބުން މަނާކޮށްފި އެވެ.
މަރޮށި ކައުންސިލްގެ ރައީސް އަބްދުލްއަޒީޒު މުހައްމަދު ވަހީދު "ސަން"އަށް ވިދާޅުވީ، އެ ރަށް މޮނިޓަރިން ހާލަތަށް ގެނައީ، ނައިފަރުން އެރަށް ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެގެން ކަމަށެވެ.
ނައިފަރުން ކޮވިޑް ކޭސްތައް ފެނިގެން އެރަށް އޮތީ މިދިޔަ މަހު 23 ވަނަ ދުވަހުން ފެށިގެން މޮނީޓަރިން ހާލަތުގައެވެ. އެރަށުން މިހާތަނަށް 70އަށްވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.
އަބްދުލް އަޒީޒް ވިދާޅުވީ، އެރަށުން ޕޮޒިޓިވްވި މީހާ ހުރީ ނައިފަރު މޮނީޓަރިން ހާލަތައް ގެނައުމާއެކު މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ކަރަންޓީންގައި ކަމަށެވެ.
"މިހާރު ދަނީ ކޮންޓެކްޓް ޓްރޭސިން ހަދަމުން،" އަބްދުލް އަޒީޒް ވިދާޅުވި އެވެ.
ޅ. ކުރެންދޫ ކައުންސިންގެ ރައީސް އައިޝަތު ވިޝާމާ "ސަން"އަށް ވިދާޅުވީ، އެރަށް މޮނީޓަރިން ހާލަތަށް ގެނައީ އެރަށުން ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެގެން ކަމަށެވެ.
"ދެ މީހުންނަކީ، ނައިފަރަށް ދަތުރު ކުރި ދެމީހުން. އަނެއް މީހާ އަކީ، ރޭންޑަމް ސަމްޕަލްއިން ޕޮޒިޓިވްވި މީހެއް،" ވިޝާމާ ވިދާޅުވި އެވެ.
ވިޝާމާ ވިދާޅުވީ، މިހާތަނަށް 52 މީހަކު ކޮންޓެކްޓް ޓްރޭސިންއިން ދެނެގަނެވިފައިވާ ކަމަށެވެ. އަދި މިހާރު ސާމްޕަލް ނެގުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރެންދޫ މޮނީޓަރިން ހާލަތަށް ގެނައުމާއެކު ޅ. އަތޮޅުގެ ފަސް ރަށްވެސް މިހާރު ވަނީ މޮނީޓަރިންގެ ހާލަތުގައެވެ.
މިހާރު ޖުމްލަ 17 ރަށެއް ކޮވިޑް ކޭސްތަކާ ގުޅިގެން އަދިވެސް އޮތީ މޮނީޓަރިން ހާލަތުގައެވެ.
މޮނީޓަރިން ހާލަތުގައި އޮތް އިތުރު ރަށްތައް:
ޅ. ހިންނަވަރު
- ޅ. ފެލިވަރު
- ޅ. އޮޅުވެލިފުށި
- ދ. ކުޑަހުވަދޫ
- ދ. މީދޫ
- ރ. އުގޫފާރު
- ރ. ހުޅުދުއްފާރު
- ރ. މާކުރަތު
- ރ. އަލިފުށި
- ރ. މަޑުއްވަރީ
- ކ. ހުރާ
- ކ. ދިއްފުށި
- ގދ. ތިނަދޫ
- ނ. ހޮޅުދޫ
މިހާތަނަށް 24،000އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 21،155 މީހަކު ވަނީ ބަލިން ފަސޭހަ ވެފައެވެ.