01 Apr 2021, 17:35
ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ހަދިޔާ ކުރި ފައިޒާ ވެކްްސިން، މާލޭ ސިޓީގައި ޖަހަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް އެޗްޕީއޭއިން މިއަދު ހުޅުވާލައިފި އެވެ.
އެޗްޕީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ފައިޒާ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ހާއްސަ ހާލަތްތަކުގައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. ވެކްސިން ދިނުމަށް ކަނޑައަޅާފައިވަނީ ހަށިގަޑުގެ ދިފާއީ ނިޒާމް ދަށްވެފައިވާ މީހުންގެ ތެރެއިން ތިރީގައި ލިސްޓް ކޮށްފައިވާ މީހުންނާއި އުމުރުން 16 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން ތިރީގައިވާ ބަލި ހާލަތްތައް ހުންނަ ކުދިންނަށް ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ (އޯގަން ޓްރާންސް ޕްލާންޓް ހަދާފައިވާ) މީހުން/ކުދިން
- ޑަޔަލިސިސް ގަވައިދުން ހަދަމުންދާ މީހުން/ކުދިން
- ކެންސަރު ބަލީގެ މީހުންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީގެ ފަރުވާލިބެމުންދާ މީހުން/ކުދިން
- އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުން/ކުދިން
- ދިގުމުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުން/ކުދިން
- ހަކުރުބަލީގެ ކުދިން
- ތެލަސީމިޔާ މޭޖާ އަދި ސިކްލްސެލް އެނީމިއާ ބަލީގެ ކުދިން
- ޑައުންސިންޑްރޯމް ހުންނަ ކުދިން
- ސިސްޓިކް ފައިބްރޯސިސް، ބްރޮންކިއެކްޓޭސިސް ފަދަ ފުއްޕާމޭގެ ބަލިތައް ހުންނަ ކުދިން
- އުފެދުމުގައި ހުންނަ ހިތުގެ ބޮޑެތި ބަލި (ކޮންޖެނިޓަލް ހާރޓް ޑިޒީޒް) ހުންނަކުދިން (މައްސަލަ ރަގަޅުކުރުމަށް ސަރޖަރީއެއް ހަދާފައިނުވާކުދިން)
އެ ހާލަތްތައް މެދުވެރިފައިވާ މީހުން ފައިޒާ ވެކްސިން ލިބިގަތުމަށްޓަކައިމި ލިންކުންރަޖިސްޓްރީ ކުރެއްވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. ވެކްސިން ޖަހަމުންގެންދާނީ ރަޖިސްޓަރީވާ ފަރާތްތަކަށް އަންގާ ވަގުތު ހަމަޖައްސައިގެން ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ފައިޒާ ވެކްސިނަކީ ފިނިހޫނުމިން 70 -ޑިގްރީގައި ބަހައްޓަންޖެހޭ ވެކްސިނެއްކަމުގައިވާތީ އެ ވެކްސިން މައިގަޑުގޮތެއްގައި ޖަހާނީ މާލޭގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ވެކްސިން މިވަގުތު ދޭން ފަށާނީ މާލެ ސަރަހައްދުގައި ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
ވެކްސިން ދެވޭނީ ރާއްޖެއަށް ލިބިފައިވާ ފައިޒާ ވެކްސިންގެ މުޅި އަދަދުން ދެ ޑޯޒް ފޯރުކޮށްދެވޭނެ އަދަދަށް ބަލައިގެން އަދި ވެކްސިން ދިނުމުގައި އުމުރުން ދޮށީ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށެވެސް އެޗްޕީއޭގެ އިއުލާނުގައި ބުންނެވެ.
ކޮވިޑް19 އިން ދިފާއުވުމަށް ކުރާ މަސައްކަތަށް އެހީތެރިވުމަށް ކޮވެކްސް ފެސިލިޓީ އިން ފައިޒާ ވެކްސިންގެ 5850 ޑޯޒް ރާއްޖެއަށް ފޮނުވީ، މި ދިޔަ މަހު 25 ވަނަ ދުވަހު އެވެ.