ސިއްހީ ހިދުމަތްދޭ ތަންތަން އަލުން ރަޖިސްޓާކޮށް ލައިސަންސް ދޫކުރުމަށް ހުޅުވާލައިފި އެވެ.

ހެލްތު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ސިއްހީ ހިދުމަތް ދޭ ތަންތަން ހިންގުމާބެހޭ ގަވައިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 180 ދުވަހުގެ ތެރޭގައި، ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީވުމަށާއި، ލައިސަންސް ހޯދުމަށް އެ މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އެހެންކަމުން އެގަވައިދުގެ ދަށުން މިނިސްޓްރީގައި ރަޖިސްޓްރީ ވެފައިވާ ހުރިހާ ސިއްހީ ހިދުމަތްދޭ ތަންތަނަށް، ގާނޫނުގެ ދަށުން ދޭންޖެހޭ ރަޖިސްޓްރޭޝަން އަދި ލައިސަންސް ހޯދުމަށްޓަކައި 31 މެއި 2021 ވަނަ ދުވަހުގެ 12:00 ގެ ކުރިން ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ އެ ގާނޫނުގެ ދަށުން ދޭންޖެހޭ ރަޖިސްޓްރޭޝަނާއި ލައިސަންސް ދިނުމަށް ހުށަހެޅުމަށްފަހު، އެތަނެއް ރަޖިސްޓާކޮށް ލައިސަންސް ދޫކުރުމަށް 30 ދުވަހުގެ މުއްދަތެއް ނަގާނެ ކަމަށެވެ.

ސިއްހީ ހިދުމަތްދޭ ތަންތަން ރަޖިސްޓްރީކޮށް ލައިސަންސް ހޯދުމަށް ބޭނުންވާ ފޯމް ހެލްތު މިނިސްޓްރީގެ ވެބްސައިޓުންނާއި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެ އެވެ.