06 Feb 2012, 11:50
މިދިޔަ އަހަރުން ފެށިގެން ބާޒާރުގައި އަގުމައްޗަށް އުފުލެމުން އައި ކޯސްޓް ކިރުގެ އަގު މި މަހުން ފެށިގެން ހެޔޮވެ، ދަޅަކުން ގާތްގަނޑަކަށް ހަތް ވަރަކަށް ޕަސެންޓަށް ހެޔޮވެއްޖެ އެވެ.
ޖެނުއަރީން ފެށިގެން ގިނަ ބާވަތްތަކަކުން ޑިއުޓީ މާފުވުމާ އެކު ކޯސްޓާއި އެހެނިހެން ވެސް ގިނަ ތައްޔާރީ ކާނާ ރާއްޖެ އެތެރެކުރާ ބީއެޗްއެމް އިން 15 ބާވަތްތަކެއްގެ އަގު ވަނީ މިދިޔަ މަހުން ފެށިގެން ހެޔޮކޮށްފަ އެވެ. އެ ބާވަތްތަކުގެ ތެރެއިން ފާހަގަކޮއްލެވޭ ބޮޑު ބަދަލެއް އައި، 900ގ. ކޯސްޓް ކިރު ދަޅަކުން ހަތް ރުފިޔާ އަގުހެޔޮވުމެވެ. ކުރިން 142ރ. އަށް ވިއްކި އެ ދަޅު މިހާރު ވިއްކަނީ 135ރ. އަށެވެ. އަދި 1800ގ. ދަޅަކުން 12ރ. ހެޔޮކޮށްފައިވާ އިރު 2500ގދަޅަކުން 15ރ. ވަނީ އަގުހެޔޮކޮށްފަ އެވެ. މިހާރު 1800ގ ދަޅެއް ވިއްކަނީ 266ރ. އަށެވެ.
ބީއެޗްއެމްގެ އޮފިޝަލަކު ވިދާޅުވީ ކޯސްޓްގެ އަގު ވެސް ހެޔޮވެފައި ވަނީ ޑިއުޓީ މާފްވުމުގެ ސަބަބުން ކަމަށާއި ކުރިއަށް އޮތްތާންގައި ވެސް ބައެއް ބާވަތްތަކުން އަގުތައް ދަށައްދާނެ ކަމަށެވެ.
"އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ ހެޔޮ އަގުގައި އެއްޗިހި ވިއްކުމަށް. ޑިއުޓީ މާފްވުމުން ލިބުނު ލުއިން އަދިވެސް ބައެއް ތަކެތީގެ އަގު ހެޔޮވާނެ،" އޮފިޝަލް ވިދާޅުވި އެވެ.
ބީއެޗްއެމް އިން މިހާރު ވަނީ ޕޮޓޭޓޯ ޗިޕްސް އާއި ޔޯގަޑުގެ އަގު ވެސް ހެޔޮކޮށްފަ އެވެ. އެ ބާވްތަތަކުން ވެސް 10 ޕަސެންޓް ވަރު ވަނީ އަގުހެޔޮވެފަ އެވެ.
އެކޮނޮމިކް މިނިސްޓްރީން ލަފާކުރަނީ ޑިއުޓީ މުޅިން ކަނޑާލި ބާވަތްތަކުން 25 ޕަސެންޓާ ހަމަޔަށް ބައެއް ބާވަތްތަކުގެ އަގު ހެޔޮވާނެ ކަމަށެވެ. ޑިއުޓީ މާފްކުރީ މުދަލާއި ހިދުމަތުގެ އަގުން ޖީއެސްޓީ ނަގަން ފެށުމުންނެވެ. މި ޖެނުއަރީން ފެށިގެން ޖީއެސްޓީގެ ގޮތުގައި ނަގަނީ ހަ ޕަސެންޓެވެ. ކިރުގެ ބާވަަތްތަކުން ޖީއެސްޓީއެއް ނުނަގަ އެވެ.