01 Apr 2021, 15:33
ފެނަކައިގެ މުދާތަކެއް ހިފައިގެން މާލެއިން ތ. އަތޮޅަށް ދަތުރުކުރަމުންދިޔަ ލޭންޑިންގް ކްރާފްޓެއް ބަންޑުންޖަހާލައިފި އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނި ގޮތުގައި ބަންޑުންޖަހާލީ މާލެއިން ފުރައިގެން ތ. އަތޮޅު ގުރައިދޫއަށް ދަތުރުކުރަމުންދިޔަ "ޝަފުރާޒް" ނަމަކަށް ކިޔާ ލޭންޑިންގް ކްރާފްޓެކެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު 13:13 ކަންހާއިރު އެވެ.
ބަންޑުންޖަހާލިއިރު ކްރާފްޓުގައި ތިން މީހުން ތިބި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެމީހުންނަށް ފަރުވާ ދިނުމަށްޓަކައި އެވަގުތު އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ އެހެން ދޯންޏެއްގައި އެމީހުން ވަނީ ތ. ދިޔަމިގިއްޔަށް ގެންގޮސްފަ އެވެ.
ބަންޑުންޖަހާލިއިރު ލެންޑިންގް ކްރާފްޓުގައި ހުރީ ފެނަކަ ކޯޕަރޭޝަނުގެ އިމާރަތްކުރުމަށް ބޭނުންކުރާ ވެލި އަދި ހިލަ ވެއްޔެވެ. ކްރާފްޓް ބަންޑުން ޖަހާލުމާއި ގުޅިގެން އެ ސަރަހައްދުން ދަތުރުކުރާ އެހެން އުޅަނދުތަކަށް ނުރައްކާވާފަދަ އެއްޗެއް ފެންމަތީގައި ނެތްކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ހާދިސާއާއި ގުޅިގެން މިހާރު އެމްއެންޑީއެފުގެ ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކަޑްރަން އިން ދަނީ ހަރަކާތްތެރިވަމުންނެވެ. ލޭންޑިންގް ކްރާފްޓް މިހާރު ކަފު ޖަހައިގެން ތ. ގުރައިދޫއަށް ވެއްދުމަށް މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފުން ބުންޏެވެ.