01 Apr 2021, 14:37
ޔުނިވާސިޓީ ތަކާއި ކޮލެޖުތަކަށް ހާޒިރުވެގެން ކްލާސްތައް ކުރިއަށް ގެންދާގޮތަށް ނިންމައި، ކޮވިޑް19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީފި އެވެ.
އެޗްޕީއޭ އިން މިއަދު ބުނީ ކޮވިޑް ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ބައެއް ފިޔަވަޅުތައް ދަމަހައްޓައި، ބައެއް ފިޔަވަޅުތަކަށް ލުއި ދީފައިވާ ކަމަށެވެ.
އެގޮތުން މިހާރު ޔުނިވާސިޓީ ތަކާއި ކޮލެޖުތަކަށް ހާޒިރުވެ ކިޔެވުން ކުރިއަށް ގެންދިޔުން މެދުކަނޑާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ޑޭ ކެއާގެ ހިދުމަތްދޭ ތަންތަން އަލުން ހުޅުވާ ހިދުމަތް ދިނުމަށްވެސް ވަނީ ހުއްދަ ދީފަ އެެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޕްރީސްކޫލް ތަކާއި، ކިޔެވުން ފެށުމަށް ވެސް ވަނީ ހުއްދަ ދީފަ އެވެ.
އެޗްޕީއޭ އިން ވަނީ މާލެ ސަރަހައްދުގައި އިއުލާނު ކޮށްފައިވާ ކާފިއު ވެސް އުވާލައިފަ އެވެ.
ލުއިތައް ދިންނަމަވެސް، އެއްފަހަރާ ފަސް މީހުންނަށް ވުރެ ގިނައިން މަގުމައްޗަށް އެއްވެެ އުޅުމާއި އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރުގެ ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހުއްޓައި ލުމަށް އެންގި އެންގުން ވަނީ ދަމަހައްޓައިފައެވެ.
ނަމަވެސް ދުވުމަށް ހާއްސަ ޓްރެކުތައް ހުޅުވާލަން ހުއްދަ ދީ، އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ޖިމްތަކުގައި ކަސްރަތު ކުލާސްތައް ކުރިއަށް ގެންދަން ވެސް ވަނީ ހުއްދަ ދީފަ އެވެ.
ލުއި ދިން ނަމަވެސް މާލެ ސަރަހައްދުގައި ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށް އެންގި އެންގުން ދަމަހައްޓައި މާލެ ސަރަހައްދުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނު ކުރާނެއެވެ.
އިއްޔެގެ ނިޔަލަށް ރާއްޖެއިން 24،079 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. ބަލީގައި 67 މީހުން މަރުވެފައިވާއިރު 21،155 މީހުން ވަނީ ބަލުން ރަނގަޅުވެފައެވެ.