ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި އިއުލާނުކޮށްފައި އޮތް ކާފިއު އުވާލައިފި އެވެ.

މާލެ ސަރަހައްދުގައި ރޭގަނޑު 11 އިން ފެށިގެން ބޭރަށް ނިކުމެ އުޅުން މަނާކުރީ ފެބުރުއަރީ ދެވަނަ ދުވަހުން ފެށިގެންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ މިއަދު ކޮވިޑް19 އާ ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދީފަ އެވެ. އެގޮތުން މިއަދު އާންމުކުރި އެންގުމުގައި ބުނެފައި ވަނީ ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މާނާކުރި ކުރުން ބާތިލުކޮށްފައިވާ ކަމަށެވެ.

ކާފިއު އުވާލުމުގެ އިތުރުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅައިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް، ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހުޅުވުމުގެ ހުއްދަ ވެސް މިއަދު ވަނީ ދީފަ އެވެ.

އޭގެ އިތުރުން ގައިޑްލައިންތަކާ އެއްގޮތަށް، ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން، އެކަމާ ގުޅޭ އިދާރާތަކުން ކަނޑައަޅާ ގޮތެއްގެ މަތީން ހުޅުވުގެ ހުއްދަ އާއި ދުވުމަށް ހާއްސަކޮށްފައިވާ ޓްރެކްތައް ވެސް ވަނީ ހުޅުވާލައިފަ އެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިއަށް ގެންދަން ވެސް ވަނީ ހުޅުވާލައިފަ އެވެ.

އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ޖިމްތަކުގައި ކަސްރަތު ކުލާސްތައް ކުރިއަށް ގެންދިއުމަށާއި ޑޭ ކެއާތައް ހުޅުވާލުމަށާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޕްރީސްކޫލް ތަކާއި، ނާސާރީތަކުގައި ކިޔަވައިދިނުން ހުޅުވާލަން ވެސް މިއަދު ވަނީ ހުއްދަ ދީފަ އެވެ.

ލުއިތައް ދިންނަމަވެސް، އެއްފަހަރާ ފަސް މީހުންނަށް ވުރެ ގިނައިން މަގުމައްޗަށް އެއްވެ އުޅުމާއި އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރުގެ ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހުއްޓައިލުމަށް އެންގި އެންގުން ވަނީ ދަމަހައްޓައިފަ އެވެ.

އޭގެ އިތުރުން މާލެ ސަރަހައްދުގައި ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށް އެންގި އެންގުން ދަމަހައްޓައި މާލެ ސަރަހައްދުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނު ކުރާނެ އެވެ.

ފިޔަވަޅުތަކަށް ލުއި ދިން އިރު އިއްޔެ ރާއްޖެ އިން ކޮވިޑްގެ 241 ކޭސް ވަނީ ފެނިފަ އެވެ. އިއްޔެ މާލެ އިން ފެނުނީ 73 ކޭސް އެކެވެ. އެއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 24،079 އަށް އަރާފަ އެވެ.