01 Apr 2021, 14:52
މަޖީދީމަގު ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް ހަދަން ނިންމައި، އެކަން ކޮށްދޭނެ ބަޔަކު ހޯދަން ކުރި އިއުލާން ބާތިލްކޮށްފި އެވެ.
އެތަނުގައި ވަގުތީ މިސްކިތެއް އަޅަން އިއުލާނުކުރީ އިއްޔެ އެވެ. ނަމަވެސް މިއަދު އެ އިއުލާނު ވަނީ ބާތިލްކޮށްފަ އެވެ. ސަބަބު ބަޔާންކޮށްފައެއް ނުވެ އެވެ.
އެތަނުގައި ވަގުތީ މިސްކިތެއް އަޅަން އިއުލާނުކުރި އިރު، އެ މިސްކިތް ތަޅާލާފަހުރުމުގެ ސަބަބުން އެ ސަރަހައްދުގައި އުޅޭ މީހުންނަށް ދަތިވާތީ، މިދިޔަ ހަފްތާގައި 1،100 އަށްވުރެ ގިނަ މީހުންގެ ސޮޔާއެކު އިސްލާމިކް މިނިސްޓްރީއަށް ވަނީ ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.
ވަގުތީ މިސްކިތް ހަދައިދޭނެ ބަޔަކު ނުވެއްޖެނަމަ އުސޫލުގެ ދަށުން، ސަރުކާރުގެ ކުންފުންޏަކާ ހަވާލުކޮށްގެން ވެސް މިސްކިތް ހަދަން ސަރުކާރުން އޮތީ ވިސްނައިފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ޒިކުރާ މިސްކިތުގެ 10 ބުރީގެ އިމާރާތް އަޅަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލު ކުރި އެވެ.
ނަމަވެސް، އެ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށްނުގެންދާ ކަމަށް ބުނެ މިހާރުގެ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީއިން ވަނީ އެއްބަސްވުން ބާތިލުކޮށްފަ އެވެ. އެއީ ސްޓްރަކްޗާ އަދި އާކިޓެކްޗުރަލް ކުރެހުން އެއްބަސްވެފައިވާ މުއްދަތުގައި ހުށަހަޅާފައި ނުވާ ކަމަށް ބުނެ އެވެ.
އެކަމާ ގުޅިގެން އޭޕްރިލް، 30، 2019ގައި އެސްޖޭއިން ވަނީ ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ. އެ ކުންފުނިން އެދުނީ، މިނިސްޓްރީއިން އެއްބަސްވުން ބާތިލު ކުރުމަށް ފޮނުވި ނޯޓިސް އަކީ ބާތިލު ނޯޓިސްއެއް ކަމަށް ކަނޑައަޅައިދިނުމަށާއި، އެއްބަސްވުން ބާތިލުކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށެވެ. އެއްބަސްވުން ބާތިލުކުރުމުގެ ސަބަބުން ގެއްލުމުގެ ގޮތުގައި އެ ކުންފުންޏަށް 111 މިލިއަން ރުފިޔާ ނަގައިދިނުމަށްވެސް އެސްޖޭއިން އެދިފައިވެ އެވެ.
ނަމަވެސް ކޯޓުން ހުކުމް ކުރީ އެއްބަސްވުން ބާތިލުކުރުމުން އެ ކުންފުންޏަށް ގެއްލުމުގެ ގޮތުގައި 111 މިލިއަން ރުފިޔާގެ ބަދަލު ނަގައިދޭން ނުޖެހޭނެ ކަމަށެވެ.
ޒިކުރާ މިސްކިތުގެ މަޝްރޫއު އެސްޖޭއާ ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭ ކަމަށް ބުނެ އޭރުގެ އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ބާގިރަށާއި އެ މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ކުރީގެ ވެރިޔާ އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ.