ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކޯލް ސެންޓަރެއް ފުވައްމުލައް ސޓީގައި ހުޅުވައިފި އެވެ.

އެޗްޑީސީ އިން ބުނީ ފާއިތުވި 20 އަހަރުގެ ތެރޭގައި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރާ ފަރާތްތަކަށް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ޕްލޭންތަކެއް އެކުލަވާލާ، ހުޅުމާލެ ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް އެކި ފެންވަރުގައި ހިންގާފައިވާ ކަމަށެވެ.

އެ ކުންފުނިން ދެމުންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ލިބިފައިވާ ތަޖުރިބާގެ އަލީގައި ހުޅުމާލެ ފަދަ އިތުރު ރަށްތައް ތަރައްގީ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އަމާޒުގައި ރާއްޖޭގެ އެކި ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން "ބިޔޯންޑް ހުޅުމާލެގެ" ދަށުން ކުރާ މަސައްކަތްތަކުގެ ދަށުން ފުވައްމުލަކުގައި ކޯލް ސެންޓަރު ހުޅުވުމުގެ އިތުރުން ކުންފުނީގެ ހޮޓްލައިން، 1516 ވެސް ވަނީ އިފްތިތާހު ކޮށްފަ އެވެ.

ފުވަމުލަކުގައި މިއަދު ހުޅުވި ކޯލް ސެންޓަރަކީ، ކުންފުނީގެ މަސައްކަތްތައް ހުޅުމާލެ ފިޔަވައި އެހެން ރަށްރަށަށް
ފޯރުކޮށްދިނުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއް ކަމަށް އެޗްޑީސީ އިން ބުންޏެވެ.

އެ ކުންފުނިން ބުނީ، ކުންފުންޏާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ރަނގަޅުކޮށް އެކި ބޭނުންތަކަށް ކުންފުންޏަށް ގުޅާ ހިދުމަތް ހޯދާ ފަރާތްތަކަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަކީ ކޯލް ސެންޓަރު ހުޅުވުމުގެ އެއް އަމާޒު ކަމަށެވެ. މީގެ އިތުރުން ވެސް ކޯލް ސެންޓަރުގެ ސަބަބަބުން ފުވަމުލައް ސިޓީގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ، ކުންފުންޏާއި ފުވައްމުލަކުގެ ރައްޔިތުންނާއި ކައުންސިލް އާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ކުރިމަގުގައި ފުވަމުލައް ތަރައްގީ ކުރުމަށް ކުންފުނީގެ ފަންނީ ތަޖުރިބާ އާއި އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

އެޗްޑީސީގެ ކޯލް ސެންޓަރު ހުޅުވުމަށް ވާޗުއަލްކޮށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު ވިދާޅުވީ ސެންޓަރުގެ ސަބަބަބުން ކުންފުނިން ދެމުންގެންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށާއި ފުވައްމުލަކުގެ ރައްޔިތުންނާއި އެޗްޑީސީ އާދެމެދު އޮންނަ ގުޅުން ބަދަހިވެ، ކުރިމަގުގައި އިތުރު މަސައްކަތްތަކެއް ކައުންސިލާއި ގުޅިގެން ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ފުވައްމުލަކު ސިޓީގެ މޭޔަރު އަބްދުالله ފަލާހް ޝަރީފް ވިދާޅުވީ ކައުންސިލްގެ ވިސްނުން ހުރީ ހަމައެކަނި ކޯލް ސެންޓަރަކަށް ނޫން ކަމަށާއި އެޗްޑީސީގެ އަބަން ސިޓީއެއް ތަރައްގީކުރުމުގެ ފުރިހަމަ ތަޖުރިބާގެ އަލީގައި ފުވަމުލަކަށް އެތައް ތަރައްގީއެއް ގެނައުން ކަމަށެވެ.

ޖުމްލަ ތިން މުވައްޒަފަންނާ އެކު ހުޅުވި ކޯލް ސެންޓަރުގައި މަސައްކަތް ކުރަމުން ދާނީ ފުވަމަލަކު ރައްޔިތުންނެވެ. ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މުވައްޒަފުން ތަމްރީނު ކޮށްފަައިވާނެ ކަމަށާއި ކުރިމަގުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދާނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ.