01 Apr 2021, 12:39
ޕެރިސް (އޭޕްރިލް 1): ފްރާންސްގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން އެގައުމުގެ ސްކޫލްތައް ތިން ހަފްތާއަށް ބަންދުކޮށް، އެތެރޭގެ އުދުހުންތައް އެއް މަހަށް ހުއްޓާލަން ނިންމައިފި އެވެ.
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އިއްޔެ، ވިދާޅުވި ގޮތުގައި އެ ގައުމުގައި ކޮވިޑް-19 ޖެހޭ މިންވަރު އިތުރުވެ، މިހާރު ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައިފި ނަމަ ބަލި ކޮންޓްރޯލު ނުވެ ފެތުރެން ފަށާނެ އެވެ.
"އަޅުގަނޑުމެން މިހާރު ފިޔަވަޅު ނާޅައިފި ނަމަ ކޮންޓްރޯލުން ނެއްޓިދާނެ. ވީމާ ދެން ނާސަރީ، ސާނަވީ އަދި ހައި ސްކޫލްތައް ބަންދު ކުރާނެ،" މެކްރޮން ވިދާޅުވި އެވެ.
މީގެ އިތުރުން އެތެރޭގެ އުދުހުންތައް އެއް މަސް ދުވަހަށް ހުއްޓުވާ، މުޅި ގައުމުގައި ރޭގަނޑު 7:00އިން ފަތިހު 6:00އަށް ކާފިއު ހިންގަމުން ދާނެ ކަމަށް މެކްރޮން ވިދާޅުވި އެވެ.
ކޮވިޑާ ގުޅިގެން މީގެ ކުރިން ދެ ފަހަރަކު ފުރަބަންދު ކޮށްފައިވާ ފްރާންސުން މިހާރު ކޮންމެ ދުވަހަކު ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު ފެބްރުއަރީގެ ފަހުން ވަނީ ދެގުނައަށް އިތުރުވެފަ އެވެ. އަދި އައިސީޔޫގައި ތިބި މީހުންގެ އަދަދު ވަނީ 5،000 އަށް ވުރެ އިތުރުވެފަ އެވެ. މީގެ ކުރިން އެ އަދަދު 5،000އާ ގާތްވެފައި ވަނީ މިދިޔަ ނޮވެމްބަރު މަހު އެވެ. އެއީ އައިސީޔޫގައި 4،919 މީހަކަށް ފަރުވާ ދެމުން ދިޔަ އިރު އެވެ.
ފްރާންސުން މިދިޔަ ޑިސެމްބަރު މަހު ކޮވިޑް ވެކްސިން ޖަހަން ފެށި ފަހުން އެގައުމުން މިހާތަނަށް ވެކްސިން ދީފައި ވަނީ އާބާދީގެ 12 ޕަސެންޓަށެވެ. އަދި މެކްރޮން ވަނީ އެ ގައުމުގެ ވެކްސިން ޖަހާ މިންވަރު އިތުރު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
ފްރާންސްގައި މިހާތަނަށް 4.6 މިލިއަން މީހުންނަށް ކޮވިޑް ޖެހި، ބަލީގައި 95،667 މީހަކު މަރުވެފައިވެ އެވެ.