06 Feb 2012, 11:43
ހުސްވި ޖެނުއަރީ މަހު ވިޔަފާރި ފައިދާ އިން ނެގޭ ޓެކްސް (ބީޕީޓީ) އާއި މުދަލާއި ހިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީއެސްޓީ)ގެ ގޮތުގައި މޯލްޑިވްސް އިންލޭންޑް އޮތޯރިޓީ (މީރާ) އަށް 540 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.
މި ދެ ޓެކްސް އިން ލިބިފައިވާ ޖުމުލަ ފައިސާގެ ތެރެއިން 98.5 މިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ލިބިފައި ވަނީ ޑޮލަރުން ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.
މީރާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފާއިތުވި މަހު ބީޕީޓީގެ ގޮތުގައި 373 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ އިރު ޖީއެސްޓީގެ ގޮތުގައި 167 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި އެއީ މިހާތަނަށް އާމްދަނީގެ ގޮތުގައި އެއް މަސް ދުވަހުގެ ތެރޭގައި މީރާ އިން ބަލައިގަނެވުނު އެންމެ ގިނަ އަދަދެއްގެ ފައިސާ ކަމަށް ވެސް މީރާ އިން ބުނެ އެވެ.
އަދި އެ އާމްދަނީގެ ތެރޭގައި ހިމެނެނީ ހަމައެކަނި މީރާ އިން ބަލައިގަނެވުނު ފައިސާ ކަމަށާއި އެ މުއްދަތުގެ ތެރޭގައި އަތޮޅު ކައުންސިލްތަކުން ބަލައިގަނެފައިވާ ޓެކްސް ފައިސާގެ އާމްދަނީ ނުހިމެނޭ ކަމަށް ވެސް އެ އޮތޯރިޓީން ބުނެ އެވެ.
މީރާ އިން ބުނީ ބީޕީޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީގެ ތެރޭގައި ފާއިތުވި އަހަރަށް ޓެކްސް ދައްކަން ޖެހޭ ފަރާތްތަކުން ދައްކަން ޖެހޭ އިންޓެރިމް ޕޭމަންޓްގެ ފައިސާ އާއި ރާއްޖެ އިން ބޭރުގައި ވަޒަންވެރިފައިވާ ފަރާތްތަކުން ދައްކަން ޖެހޭ ވިތްހޯލްޑިން ޓެކްސް ހިމެނޭ ކަމަށެވެ.
އަދި ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީގެ ތެރޭގައި ތިން މަހުން އެއްމަހު ޖީއެސްޓީ ދައްކަން ޖެހޭ ފަރާތްތަކުން ފާއިތުވި އަހަރުގެ ފަހު ތިން މަހަށް ދެއްކި ފައިސާ ހިމެނޭނެ ކަމަށް ވެސް މީރާ އިން ބުނެ އެވެ.