06 Feb 2012, 11:10
ޝަރުއީ ދާއިރާގެ ހިމާޔަތުގައި ކުރާ މަސައްކަތުގައި އިދިކޮޅު ފަރާތްތައް ކާމިޔާބު ހޯދާނެ ކަމަށާއި ސަރުކާރަށް ޖެހޭނީ ގޮތް ދޫކޮށް، ފަހަތަށް ޖެހެން ކަމަށް ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ރޭ ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ސަފުތައް މެދަށް ލައިގެން އާޓިފިޝަލް ބީޗުގައި އިދިކޮޅު ފަރާތްތަކާއި ސަރުކާރު ހިންގާ އެމްޑީޕީން ރޭ ކުރި މުޒާހަރާގެ ތެރެއަށް ވަޑައިގެން ތަސްމީން ވިދާޅުވީ އިދިކޮޅު ޕާޓީތައް އެއް ގަލަކަށް އަރައި ކުރާ އިހްތިޖާޖަކީ ކުރިއަށް އޮތް ޖީލުތަކަށްޓަކައި ކުރާ މަސައްކަތެއް ކަމަށެވެ. އެ މަސައްކަތް ނުކޮށް ހުއްޓާލައިފިނަމަ ރާއްޖޭގައި ހުދުމުހުތާރު ވެރިކަމެއް ގާއިމް ކުރަން އެމްޑީޕީގެ ސަރުކާރަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ތަސްމީން ވިދާޅުވީ ގައުމާއި އިސްލާމް ދީނަށްޓަކައި ކުރަމުންދާ މަސައްކަތުގައި އެއްވެސް ވަރަކަށް ފަހަތަށް ނުޖެހޭނެ ކަމަށެވެ. ސާބިތުކަމާއެކީ ސަރުކާރު ޒިންމާދާރު ކުރުވަން އިދިކޮޅު ޕާޓީތަކުގެ ފަހަތުގައި ރައްޔިތުން ވަމުންދާ ގުރުބާނީއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ސިޔާސީ މައިދާނުގައި ފިކުރު ތަފާތުވިޔަސް ޝަރުއީ ދާއިރާ ހިމާޔަތުގައި އިދިކޮޅު ފާރާތްތަކުން ކުރަމުންދާ މަސައްކަތުގައި ސިޔާސީ އެއްވެސް ހިޔާލުތަފާތުވުންތަކެއް ނުގެންގުޅުއްވާނެ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
"އަޅުގަނޑުމެންނާއެކީގައި މިތިއްބެވި ހުރިހާ ބޭފުޅުންނަކީ އެކި ޕާޓީތަކުގެ ބޭފުޅުން. އަޅުގަނޑުމެނަކީ މީގެ ކުރިން އެކި ސިޔާސީ ހިޔާލުތަފާތުވުންތަކާއެކީގަ މަސައްކަތް ކުރަމުންދިޔަ މީހުން. ގައުމަށްޓަކާ [އިސްލާމް] ދީނަށްޓަކާ މިވާ ގުރުބާނީގައި އަޅުގަނޑު މި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތުގައި ސިޔާސީ ހިޔާލުތަފާތުވުމެއް ނޯންނާނެ. ކަމުގެ ފުރިހަމަ ޔަގީންކަން ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިހްލާސްތެރިކަމާއެކީ އަރުވަން،" ތަސްމީން ރޭ ވިދާޅުވި އެވެ.
އެމްޑީޕީއާއި އިދިކޮޅު ހަތް ސިޔާސީ ޕާޓީ އެއްތަނެއްގައި ތިބެގެން ރޭ ކުރި މުޒާހަރާގައި ދެފަރާތުން ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރި އެވެ. ބަހުގެ ހަމަލަތައް ދިނުމުގައި ރޭ ދެފަރާތުން ވެސް އަވަގުރާނަ ގޮވި އެވެ.
އެމްޑީޕީން ފަށާފައިވާ "ތިޔަހެނެއް ނުކިޔޭނެ" ކެންޕޭން ހުއްޓާލުމަށްފަހު، އެ ޕާޓީން މިހާރު ޝުއޫރު ފާޅު ކުރަން ފަށާފައި ވަނީ "އިންސާފުގެ ދަތުރު"ގެ ނަމުގަ އެވެ.