ދ. ކުޑަހުވަދޫ ސަމަންދަރުގޭ، އަލީ ހަސަން (އައްޔުބެ) މަރާލި މައްސަލައިގައި ފުލުހުން ހައްޔަރުކުރި ކުޑަކުއްޖާ، އިތުރު 15 ދުވަހަށް ބަންދުގައި ބަހައްޓަން ޖުވެނައިލް ކޯޓުން އަމުރުކޮށްފި އެވެ.

ދ. އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމު ހާސިލުކުރަމުންދާ ކުޑަހުވަދޫ، ކުޑަ ފިރިހެން ކުއްޖާ ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތު ޖަހައި ދިނީ މިދިއަ ބުރާސްފަތި ދުވަހު ހަވީރު އެވެ.

"ބަންދުގެ މުއްދަތު އިތުރުކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު އެކުއްޖާ މި ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ،" ޖުވެނައިލް ކޯޓްގެ އޮފިޝަލް ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވީ އެ ކުއްޖާ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ ހެކިފޮރުވާފާނެ ކަމަށް ބެލެވޭތީ އާއި އެ ކުއްޖާގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބެލެވޭތީ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

ކުޑަކުއްޖާ 15 ދުހަށް ބަންދުގައި ބެހެއްޓުމަށް އަމުރު ކުރިއިރު އައްޔޫބެގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި ކުޑަހުވަދޫ، ފަނަސް، ފައުޒާމް މުހައްމަދު ވެސް ޝަރީއަތް ނިމެންދެން ފުލުހުންގެ ހައްޔަރުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ ބުރާސްފަތި ދުވަހު އަމުރުކޮށްފައެވެ.

ރަހުމްކުޑަ ގޮތަކަށް އައްޔުބެ މަރާލި މައްސަލައިގެ ތުހުމަތަށް އެ ދެމީހުންގެ އިތުރުން، އިތުރު ބަޔަކު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް ތަހުގީގު ކުރިއަށް ދާތީ އެ މީހުންނާ ބެހޭ މައުލޫމާތު ދެވެން ނެތްކަމަށް ފުލުހުން ބުނެ އެވެ.
ބާރުގަދަ ސިހުރު ހަދާ ކަމުގެ ތުހުމަތުތައް ކުރެވިފައިވާ އައްޔުބޭ މަރާލާފައި ވަނީ މިދިއަ ޖެނުއަރީ އަށްވަނަ ދުވަހު އެވެ. މެއަށް ދަގަނޑެއް ޖަހައި ކަތިވަޅިއަކުން ކަރުބުރިކޮށް މަރާލުމަށްފަހު އައްޔުބޭ އެއްލާފައި ވަނީ ކުޑަހުވަދޫގެ ފަޅު ގޯއްޗެއްގެ ތެރެއަށެވެ.