31 Mar 2021, 15:08
މަޖީދީމަގު ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް ހަދަން ނިންމައި، އެކަން ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓާކޮށް، މައުލޫމާތު ސާފުކުރުމަށްފަހު މިނިސްޓްރީއަށް ގޮސް އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭ ކަމަށެވެ.
ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މާދަމާ 16:00 ގެ ކުރިން މިނިސްޓްރީގެ މެއިލް[email protected]މެދުވެރިކޮށް ރަޖިސްޓްރީކުރަން ޖެހޭނެ އެވެ.
ރަޖިސްޓްރީކުރަން ފޮނުވާ މެއިލްގައި އިއުލާން ނަންބަރާއި، ކުންފުނީގެ ނަމާއި ގުޅޭނެ ފޯނު ނަންބަރު، އީމެއިލް އެޑްރެސް އަދި މެއިލް ފޮނުވާ ފަރާތުގެ ނަން ކޮންމެހެން ވެސް ހިމަނަން ޖެހޭނެ އެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ އެޕްރީލް ހައެއް ވާ އަންގާރަ ދުވަހުގެ 13:30 ގައި މިނިސްޓްރީގެ މީޓިން ރޫމް އެކެއްގެ އެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ޒިކުރާ މިސްކިތުގެ 10 ބުރީގެ އިމާރާތް އަޅަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލު ކުރި އެވެ.
ނަމަވެސް، އެ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށްނުގެންދާ ކަމަށް ބުނެ މިހާރުގެ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީއިން ވަނީ އެއްބަސްވުން ބާތިލުކޮށްފަ އެވެ. އެއީ ސްޓްރަކްޗާ އަދި އާކިޓެކްޗުރަލް ކުރެހުން އެއްބަސްވެފައިވާ މުއްދަތުގައި ހުށަހަޅާފައި ނުވާ ކަމަށް ބުނެ އެވެ.
އެކަމާ ގުޅިގެން އޭޕްރިލް، 30، 2019ގައި އެސްޖޭއިން ވަނީ ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ. އެ ކުންފުނިން އެދުނީ، މިނިސްޓްރީއިން އެއްބަސްވުން ބާތިލު ކުރުމަށް ފޮނުވި ނޯޓިސް އަކީ ބާތިލު ނޯޓިސްއެއް ކަމަށް ކަނޑައަޅައިދިނުމަށާއި، އެއްބަސްވުން ބާތިލުކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށެވެ. އެއްބަސްވުން ބާތިލުކުރުމުގެ ސަބަބުން ގެއްލުމުގެ ގޮތުގައި އެ ކުންފުންޏަށް 111 މިލިއަން ރުފިޔާ ނަގައިދިނުމަށްވެސް އެސްޖޭއިން އެދިފައިވެ އެވެ.
ނަމަވެސް ކޯޓުން ހުކުމް ކުރީ އެއްބަސްވުން ބާތިލުކުރުމުން އެ ކުންފުންޏަށް ގެއްލުމުގެ ގޮތުގައި 111 މިލިއަން ރުފިޔާގެ ބަދަލު ނަގައިދޭން ނުޖެހޭނެ ކަމަށެވެ.
ޒިކުރާ މިސްކިތުގެ މަޝްރޫއު އެސްޖޭއާ ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭ ކަމަށް ބުނެ އޭރުގެ އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ބާގިރަށާއި އެ މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ކުރީގެ ވެރިޔާ އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ.