31 Mar 2021, 12:28
ކޮވިޑް19 އަށް ގިނަ ބަޔަކު ސާމްޕަލް ނަގަމުން އައި ނަމަވެސް، ޓެސްޓުކުރުމުގައި ހުރި ދަތިތަކާ ގުޅިގެން 3000 އަށްވުރެ ގިނަ ސާމްޕަލްގެ ނަތީޖާ ނުލިބި ހުރި ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ މާލެ އާއި އަތޮޅުތެރޭގައި ވެސ ކޮވިޑްގެ ކޭސްތައް އިތުރުވަމުން އަންނާތީ ގިނަ ބަޔަކު ސާމްޕަލް ނަގަމުން އަންނަ ކަމަށެވެ.
ނަމަވެސް ޓެސްޓުކުރުމަށް ވަސީލަތްތައް މަދުވެ، ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން 3000 މީހުންގެ ނަތީޖާ ސާފު ނުވެ އެބައޮތް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ މައްސަލަ ހައްލުކުރަން އިއްޔެ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އަދި "ބެކްލޮގް"ގައި ހުރި 3000 ސާމްޕަލްގެ ނަތީޖާ ސާފުކުރެވޭނެ އިންތިޒާމް ދެ ދުވަހެއްގެ ތެރޭގައި ހަމަޖައްސަވާނެ ކަމަށް ވިދާޅުވި އެވެ.
މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުގައި ވެސް ބާރަށް ކޮވިޑް ފެތުރެމުން އަންނަ އިރު، ނަތީޖާ ނުލިބި ލަސްވާތީ އެ ރަށްރަށުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިއަދުގެ ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެމްބަރު ވަނީ އެ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް އިތުރުވެ ނުރައްކާ ބޮޑުވެފައި ވާއިރު، އެ އަތޮޅު ރީޖަނަލް ހޮސްޕިޓަލުން ވެސް ޓެސްޓު ކުރެވެން ނެތް ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
މިނިސްޓަރު ވިދާޅުވީ . އަތޮޅުގައި ކޮވިޑް19 އަށް ޓެސްޓު ކުރަން ދެމަސް ވާނެ ކަމަށެވެ. ނަމަވެސް އަތޮޅުތެރޭގައި ކޮވިޑަށް ޓެސްޓުކުރެވޭނެ ގޮތް ހަދައި، ނަތީޖާ ލަސްވާ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.