06 Feb 2012, 10:26
މިހާރު ރާއްޖޭގައި ކުރަމުންދާ މުޒާހަރާތަކާ މެދު ހޭލުންތެރިވެ ތިބުމަށް، ރާއްޖެ އަށް ދަތުރުކުރާ އެމެރިކާގެ ރައްޔިތުންނަށް އެމެރިކާ ސަރުކާރުން އިރުޝާދުދީފި އެވެ.
ސްރީލަންކާގެ ވެރިރަށް ކޮޅުނބުގައި ހުންނަ އެމެރިކާގެ އެމްބަސީން އިއްޔެ ނެރުނު "ޓްރެވެލް އެޑްވައިޒަރީ"ގައި ބުނެފައި ވަނީ ސިޔާސީ މުޒާހަރާތަކެއް މާލޭގައި ހިނގަމުންދާކަމުގެ މައުލޫމާތު އެ އެމްބަސީއަށް ލިބިފައިވާ ކަމަށެވެ.
"ފާއިތުވި މަދު ރޭތަކުގައި 300 މީހުން މުޒާހަރާކޮށްފައިވެ އެވެ. ކުރިމަތިލުމަކަށް ދިއުމުން ފުލުހުން އެމީހުން ރޫޅާލަ އެވެ." އެމެރިކާގެ ޓްރެވެލް އެޑްވައިޒަރީގައިވެ އެވެ.
އަދި ބުނެފައި ވަނީ މުޒާހަރާތައް މާލޭގައި އޮތް ނަމަވެސް އެހެން ރަށްރަށުގައި ވެސް އަދި މުޒާހަރާ ކުރާނެ ކަމަށް ބެލެވޭ ކަމަށާއި މުޒާހަރާތައް ބާއްވާނެ ކަމަށް ބެލެވެނީ ހަފުތާ ބަންދުގައި ކަމަށެވެ.
ރާއްޖެ އަށް ދަތުރުކުރާ އެމެރިކާ މީހުން ބޮޑެތި އެއްވުންތައް އޮންނަ ތަންތަނަށް ނުދިއުމަށާއި ހާއްސަކޮށް ރޭގަނޑުގެ އަނދިރިކަމުގައި އެފަދަ ތަންތަނަށް ނުދިއުމަށް އެމެރިކާ ސަރުކާރުން ވަނީ ނަސޭހަތްތެރިވެފަ އެވެ. އަދި އެފަދަ އެއްވުންތަކުގެ މީޑިޔާ ކަވަރޭޖް ބެލުމަށް ވެސް ގޮވާލާފައިވެ އެވެ.
"ސުލްހަވެރި މުޒާހަރާއެއް ހަމަނުޖެހުމަށް ބަދަލުވެދާނެކަން އެމެރިކާ ރައްޔިތުންނަށް އަހަރެމެން ހަނދާންކޮށްދެމެވެ." ޓްރެވަލް އެޑްވައިޒަރީގައިވެ އެވެ.
އެމެރިކާ އެމްބަސީން ވަނީ ސްޓޭޓް ޑިޕާޓްމަންޓްގެ ސްމާޓް ޓްރެވެލާ އެންރޯލްމެންޓް ޕްރޮގްރާމްގައި ރާއްޖެއާއި ސްރީލަންކާގައި ތިބި އެމެރިކާ ރައްޔިތުން ބައިވެރިވުމަށް ވެސް އިރުޝާދު ދީފައެވެ.
މުޒާހަރާކުރީ މަދު ރެއެއެއްގައި ކަމަށް އެމެރިކާގެ ޓްރެވަލް އެޑްވައިޒަރީގައި ބުނެފައި ވިޔަސް، ކްރިމިނަލް ކޯޓްގެ އިސްގާޒީ އަބުދުﷲ މުހައްމަދު ނިޒާމުން ގެއްލުވާލި މައްސަލައިގާ މުޒާހަރާކުރާތާ މިހާރު ވަނީ 21 ރޭ ހަމަވެފަ އެވެ.