އޭޕްރީލް ތިންވަނަ ދުވަހުން ފެށިގެން، އެސްޓްރަޒެނެކާ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭން ފަށާނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޝީލްޑް ވެކްސިން ދޭން ފެށީ ފެބުރުއަރީ ފުރަތަމަ ދުވަހު އެވެ. އެދުވަހު 282 މީހުން ވެކްސިން ޖަހާފައިވެ އެވެ.

ރާއްޖޭގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭން ނިންމާފައި އޮތީ ފުރަތަމަ ޑޯޒް ޖަހާތާ އަށް ހަފްތާ ފަހުންނެވެ.

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ދެވަނަ ޑޯޒް ޖަހަން ފަށާ އިރު އެ ވެކްސިންގެ އިތުރު އެއްލައްކަ ޑޯޒް ވަނީ އިއްޔެ ރާއްޖެ ގެނެސްފަ އެވެ. އެއީ އިންޑިއާގެ ސީރަމް އިސްޓިޓިއުޓް އާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ދަށުން ގެނައި ވެކްސިނެވެ. ސަރުކާރުން ވަނީ އެ ވެކްސިންގެ ތިން ލައްކަ ޑޯޒް ގަތުމަށް އިންޑިއާގެ ސިރަމް އިންސްޓިޓިއުޓާއެކު އެއްބަސްވެފަ އެވެ.

އެސްޓްރަޒެނެކާ ސިންގަޕޫރު ކުންފުންޏާއެކު ވެސް ސަރުކާރުން ވަނީ ހަތް ލައްކަ ޑޯޒްގެ ވެކްސިން ގަތުމަށް އެއްބަސްވުމެއް އެކުލަވާލައިފަ އެވެ.

ރާއްޖޭގެ ވެކްސިން ދެވޭ އާބާދީގެ 47 ޕަސެންޓަށް މިހާރު ވެކްސިން ދީފައިވާއިރު، އޭގެ ބޮޑުބައެއް ޖަހާފައި ވަނީ ކޮވިޝީލްޑް ވެކްސިނެވެ.

މިހާރު ރާއްޖޭގައި ސައިނޯފާމް ވެކްސިން ވެސް އަންނަނީ ދެމުންނެވެ. ސައިނޯފާމްގެ ދެވަނަ ޑޯޒް ދޭނީ ފުރަތަމަ ޑޯޒް ދޭތާ ހަތަރު ހަފްތާ ފަހުންނެވެ.

ރާއްޖެއިން ވަނީ ފައިޒާ ވެކްސިނަށް ވެސް ހުއްދަ ދީފަ އެވެ. ކޮވެކްސް ފެސިލިޓީގެ ދަށުން އެ ވެކްސިންގެ 5،850 ވެކްސިން ޑޯޒު ލިބިފައިވާ އިރު އަދި އެ ވެކްސިން ޖަހަން ފަށައިފައެއް ނުވެ އެވެ.

އިއްޔެގެ ނިޔަލަށް ރާއްޖެ އިން 235،682 މީހުން ވަނީ ވެކްސިން ޖަހައިފަ އެވެ.