06 Feb 2012, 10:11
ޖީއެމްއާރާއި ގަތަރު އެއާވޭސް އާ ދެމެދު ގުޅުން ގޯސްވެ ގަތަރު އެއާވޭސް އިން މިއަދު ރާއްޖެ އަންނަން ޝެޑިއުލް ކޮށްފައި ހުރި ހުރިހާ ފުލައިޓެއް ކެންސަލްކޮށްފި އެވެ.
އެ އެއާލައިންގެ އޮފިޝަލަކު ވިދާޅުވީ ދޯހާއިން މިއަދު މާލެއަށް އުދުހެން ޝެޑިއުކޮށްފައި އޮތް ދެ ފްލައިޓްވެސް ކެންސަލް ކުރީ ބޮޑު ކުރި ހޭންޑްލިން ފީއާމެދު އެ ކުންފުންޏާއި އިންޑިޔާގެ ޖީއެމްއާރާ ދެމެދު އެއްބަސް ނުވެވިގެން ކަމަށެވެ.
ގަތަރުން ރާއްޖެ އަންނަނީ ދުވާލަކު ދެ ފުލައިޓެވެ. އެއީ ހެނދުނު 7:30 ގައި އަންނަ ފުލައިޓާ މެންދުރުފަހު 2:30 ގެ ފުލައިޓެވެ.
ގަތަރުން މިއަދު ރާއްޖެއަށް ކުރަން ހުރި ހުރިހާ ދަތުރުތައް ކެންސަލް ކުރިއިރު އެ ކުންފުނިން ޖީއެމްއާރަށް ފައިސާ ނުދައްކާ ކަމަށް ބުނެ ރޭ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން އުޅުނު އެ ކުންފުނީގެ ފްލައިޓެއް ގާތް ގަނޑަކަށް ގަޑިއެއްހާއިރަށް ވަނީ ފުރިޔަ ނުދީ ހިފަހައްޓާފަ އެވެ.
ގަތަރުން ރާއްޖެއަށް ކަޑައަޅުއްވާފައި ހުންނަވާ ކަންޓްރީ މެނޭޖާ، ސައްޔިދު މުހަންމަދު ތޯރިގް ސަން އޮންލައިނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެއާޕޯޓުގެ ފީތައް 51 ޕަސެންޓަށް ބޮޑުކުރުމަކީ އެ ކުންފުނިން ގަބޫލުކުރާ ނިންމުމެއް ނޫންކަމަށާއި އެހެންކަމުން އެ ފައިސާ އެ ކުންފުނިން ނުދައްކާނެ ކަމަށެވެ.
"މި މައްސަލައިގައި މި އުޅެނީ އެހެން އެއާލައިންތަކުން ވެސް ޖައްސާ [ގްރައުންޑު ހޭންޑުލިން] ފީ ބޮޑު ކުރުމުގެ މައްސަލައެއް. އަޅުގަނޑުމެން ގަބޫލު ނުކުރާ އެއްޗެއް ކިހިނެތް ތޯ ދައްކާނީ؟" ސައްޔިދު މުހަންމަދު ސުވާލު ކުރެއްވެވި އެވެ.
ގަތަރު އެއާވޭސް އިން ބުނީ މިއަދުގެ ފުލައިޓްތަކުން އަންނަން ހުރި ޕެސެންޖަރުން އެހެން ފުލައިޓްތަކުން ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
ޖީއެމްއާރުގެ އޮފިޝަލަކު ވިދާޅުވީ އެ އެއާލައިނުން ބޮޑު ކުރި ހޭންޑްލިން ފީ ގަތަރު އެއާވޭސް އިން ދައްކާފައި ނުވާތާ 14 މަސްދުވަސް ވެފައިވާ ކަމަށާއި ބޯޓު ހިފެހެއްޓުމުން ވެސް އެ ފައިސާ ނުދައްކާ ކަމަށެވެ.
"އެބޭފުޅުން ކޮންމެ ދަތުރަކަށް ފައިސާ ދައްކާފައި ދާ ގޮތަށް އައީ. އެކަމަކު އެތައް ދުވަހެއްގެ ފައިސާ ދައްކާފައި ނުވާތީ އަޅުގަނޑުމެން ހިފެހެއްޓީ. ހިފެހެއްޓުމުން ވެސް ފައިސާ ނުދައްކާ،" އޮފިޝަލް ވިދާޅުވި އެވެ. "ކުޑަކުދިންނާ މީހުން ތިބީމަ އަޅުގަނޑުމެން ބޯޓު ދޫކޮށްލީ ހަމަ ކުރިން ވެސް އަންނަ ކޮންމެ ދަތުރަކަށް ފީދައްކާ ގޮތަށް އޮޕަރޭޓް ކުރަން،"
އޭނާ އަދި ވިދާޅުވީ އެ ފައިސާގެ މައްސަލަ ހައްލުކުރުމަށް މަޝްވަރާ ކުރުމަށް ޖީއެމްއާރުން ގަތަރު އެއާވޭސް އަށް މިހާރު ދައުވަތު ދީފައިވާ ކަމަށެވެ.
މި މައްސަލަ ހޫނުވެފައި މިވަނީ ޖީއެމްއާރުން ފީތައް ބޮޑުކުރުމުން ރާއްޖެ އަށް ކުރާ ދަތުރުތައް ހުއްޓާލަން ޖެހިދާނެ ކަމައް އެ އެއާލައިނުން އަންގާފައިވާ ދަނޑިވަޅެއްގަ އެވެ. މި މައްސަލައިގައި ސްރީލަންކަން އެއާލައިނުން ވެސް ވަނީ މާލެ ޔޫރަޕަށް ކުރާ ދަތުރުތައް ހުއްޓާލަން ނިންމައިފަ އެވެ. އަދި ތޮމްސަންއިން ވެސް މިހާރު އަންނަނީ ރާއްޖެއަށް ކުރާ ދަތުރުތައް މަދުކުރަން ވިސްނަމުންނެވެ.
ގްރައުންޑު ހޭންޑްލިން ފީގެ މައްސަލަ ހޫނުވެފައިވާއިރު ސަރުކާރުން ބުނަނީ ފީ ބޮޑު ކުރީ ޖީއެމްއާރުން ނޫން ކަމަށެވެ.