31 Mar 2021, 09:41
އައިޖީއެމްއެޗްގެ ލެބޯރެޓަރީ އިން 300،000 ކޮވިޑް19 ޕީސީއާރު ޓެސްޓު ރަން ކޮށްފައިވާ ކަމަށް އެ ހޮޮސްޕިޓަލުން ބުނެފި އެވެ.
އެ ހޮސްޕިޓަލުން ކޮވިޑް ޕީސީއާރު ޓެސްޓުކުރަން ފަށާފައި ވަނީ މިދިޔަ އަހަރުގެ ފެބުރުއަރީ 29 ވަނަ ދުވަހު އެވެ. އަދި މާޗު ހަތް ވަނަ ދުވަހު ރާއްޖެ އިން ކޮވިޑް19ގެ ފުރަތަމަ ކޭސް ފެނުނު ހިސާބުން ފެށިގެން، އައިޖީއެމްއެޗްގެ ލެބޯރެޓަރީ އިން 24 ގަޑިއިރު މެދުނުކެނޑި ކޮވިޑް ޕީސީއާރު ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އައިޖީއެމްއެޗް އިން ޕީސީއާރު ޓެސްޓުކުރަން ފެށީ ތިން މުވައްޒަފުންގެ ޓީމަކުން ނަމަވެސް، ބަލި ޖެހޭ މީހުންގެ އަދަދު ގިނަވާން ފެށުމުން، ޓީމުގައި ހިމެނޭ މުވައްޒަފުންގެ އަދަދު ވަނީ އިތުރުކޮށްފަ އެވެ.
އައިޖީއެމްއެޗްގައި ޕީސީއާރު ޓެސްޓުކުރަން ފެށި އިރު، ޓެސްޓިން ކެޕޭސިޓީ ހުރީ ކޮންމެ 24 ގަޑިއިރަކު 100 ޕީސީއާރު ޓެސްޓެވެ. ނަމަވެސް މިހާރު ލެބުގެ ކެޕޭސިޓީ 1500 އަށް ވުރެ ބޮޑެވެ.
މިހާތަނަށް ރާއްޖޭގައި މުޅި ޖުމްލަ 647،093 ސާމްޕަލް އެއް ކޮވިޑް19 އަށް ވަނީ ޓެސްޓުކޮށްފަ އެވެ. އޭގެ ތެރެއިން 23،838 ސާމްޕަލް ވަނީ ޕޮޒިޓިވްވެފަ އެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން 20،984 މީހުން ވަނީ ރަނގަޅުވެފަ އެވެ.
މިހާރު ބަލިޖެހިފައި ތިބި 2،780 މީހަކު ތިބި އިރު، އެޑްމިޓްކޮށްގެން ފަރުވާދެނީ 91 މީހަކަށެވެ. ބަލީގައި 66 މީހަކު ވަނީ މަރުވެފަ އެވެ.