ކޮވިޑް19 އާ ގުޅިގެން ސްކޫލުތައް ބަންދުކޮށް، ދަރިވަރުންނަށް ސްކޫލަށް ނުދެވުމުގެ ސަބަބުން އެކުދިންނަށް ލިބުނު ގެއްލުން ޖީލުތަކަކަށް ދެމިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުން ހުރިހާ ގްރޭޑެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުވާން ފެށީ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު އެވެ. ސްކޫލުތައް ހުޅުވުން ލަސްވެގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އިރު، މާލޭގައި ކޮވިޑްގެ ކޭސްތައް އިތުރުވުމާއެކު ސްކޫލުތައް ބަންދު ނުކޮށްގެން ވެސް ފާޑުކިޔުން އަމާޒުވި އެވެ.

އަލުން ސްކޫލުތައް ހުޅުވިފަހުން ވެސް ކޭސްތައް އިތުރުވެގެން ބައެއް ގްރޭޑުތަކުގެ ކިޔެވުން އޮންލައިންކޮށް ބަދަލުކުރި އެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީއަށް އެއްވެސް ބާރެއް އޮތް ނަމަ، ދުވަހަކުވެސް ސްކޫލު ބަންދުނުކުރާނެ ކަމަށެވެ. ނަމަވެސް މިފަދަ ސިއްހީ ކާރިސާއެއްގެ ތެރޭގައި އުޅޭއިރު، އަޑުއަހަން ޖެހޭނީ ސިއްހީ މާހިރުންނާއި އެޗްޕީއޭގެ ލަފާ ކަމަށެވެ.

ސްކޫލުތައް ބަންދުކޮށްފައި ހުރި ނަމަވެސް، ދަރިވަރުންގެ ކިޔެވުން ހުއްޓުމަކަށް ނާންނާނެ ގޮތަކަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެންމެ ފުރަތަމަ ހުޅުވަނީ ސްކޫލުތައް ކަމަށާއި، އެއީ ސްކޫލެއް ބަންދުކޮށްފައި ހުރުމުން ދަރިވަރުންނަށް ލިބޭ ގެއްލުން ބޮޑު ކަމުން ކަމަށެވެ.

މީގެ ދެ ދުވަސް ކުރިން ބޭއްވި ޔުނެސްކޯގެ މިނިސްޓީރިއަލް މީޓިންގައި ގިނަ ގައުމުތަކެއްގެ އެޑިއުކޭޝަން މިނިސްޓަރުންނާ އެކު ބައިވެރިވެވަޑައިގެން ކަމަށާއި، މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ގޭގައި ތިބެގެން ކިޔަވަން ޖެހުމުން ދަރިވަރުންނަށް ލިބޭ ގެއްލުން އެ ހުރިހާ ބޭފުޅުންވެސް ފާހަގަކުރެއްވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަސްލު މީގެން އަޅުގަނޑުމެން އަރައިގަތުމަށް ނަގާނެ ޖެނެރޭޝަންތަކެއް. އަދި އަޅުގަނޑުމެންނަށް އަންދާޒާ ވެސް ނުކުރެވޭ އެއް އަހަރު ދުވަހު ސްކޫލަށް ނުގޮސް ކުދިން ގޭގަ ތިބީމަ އެކުދިންނަށް ލިބިފަ ހުރި ގެއްލުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މިނިސްޓްރީން އެންމެ ބޮޑު އިސްކަމެއް ދިނީ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދިނުމަށް ކަމަށެވެ. އަދި ސްކޫލުތަކުގެ ސްޓާފުންގެ 95 ޕަސެންޓު ވެކްސިން ޖަހައިފި ނަމަ، ސްކޫލުތައް ހުޅުވޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންގާފައިވާ ކަމަށާއި، މިހާރު ގިނަ ސްކޫލުތަކުގައި އެކަން ހާސިލްކުރެވިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސްކޫލުތަކުގައި ބަލިން ރައްކާތެރިވުމުގެ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން، މިހާތަނަށް އެއްވެސް ސްކޫލެއްގައި ކޮވިޑް ފެތުރިގެން ގޮސްފައި ނުވާ ކަމަށެވެ.

މާދަމާއިން ފެށިގެން، މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ އެލްކޭޖީ އިން ފެށިގެން މަތީގެ ހުރިހާ ދަރުވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭން އެޑިއުކޭޝަނުން ވަނީ ނިންމައިފަ އެވެ.

މިނިސްޓަރު މިއަދު ވިދާޅުވީ ކުދިން ސްކޫލަށް ފޮނުވުމުގައި ބެލެނިވެރިންގެ ކަންބޮޑުވުންތައް ހުންނާނެކަން އެނގިވަޑައިގަންނަވާ ކަމަށާއި އެހެން ނަމަވެސް ސްކޫލުތައް އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ. އެހެންކަމުން ހުރިހާ ކުދިން ވެސް ސްކޫލަށް ފޮނުވައިދެއްވުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.