ކޮވިޑް19 އިން ރައްކާތެރިވުމަށް ރާއްޖޭގައި މިހާރު ދެމުން އަންނަ ސައިނޯފާމްގެ ދެވަނަ ޑޯޒް ދޭނީ ފުރަތަމަ ޑޯޒް ދޭތާ ހަތަރު ހަފްތާ ފަހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ރާއްޖޭގައި ސައިނޯފާމް ވެކްސިނަށް ހުއްދަ ދީފައި ވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އެ ވެކްސިން ރާއްޖޭގައި ދޭން ފެށީ މިމަހުގެ 22 ވަނަ ދުވަހު އެވެ.

މިހާރު ވެކްސިންގެ ފުރަތަމަ ޑޯޒްގެ ޖަހާ މީހުންނަށް ދެނީ ސައިނޯފާމް ވެކްސިން އެވެ. ޗައިނާ ސަރުކާރުން ރާއްޖެ އަށް ހަދިޔާކުރި ސައިނޯފާމް ވެކްސިންގެ ދެ ވަނަ ބެޗު ރޭ ވަނީ ރާއްޖެ ގެނެސްފަ އެވެ.

ސަރުކާރުން ބުނެފައި ވަނީ ޗައިނާ އިން ހަދިޔާކުރި ދެލައްކަ ޑޯޒްގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު، އެ ވެކްސިން ޖަހާ މީހުންނަށް ދެވަނަ ޑޯޒް ޖެހުމަށް، އަނެއް އެއްލައްކަ ޑޯޒް ބަހައްޓާނެ ކަމަށެވެ.

ރާއްޖޭގައި ސައިނޯފާމް ވެކްސިން ދެނީ އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށެވެ.

ރާއްޖޭގައި އެސްޓްރަޒެނެކާ ކޮވިޝީލްޑް ވެކްސިން ޖެހި މީހުންނަށް އަންނަ މަހުން ފެށިގެން ދެވަނަ ޑޯޒް ޖަހަން ފަށާ އިރު އެ ވެކްސިންގެ އިތުރު އެއްލައްކަ ޑޯޒް ވަނީ އިއްޔެ ރާއްޖެ ގެނެސްފަ އެވެ. އެއީ އިންޑިއާގެ ސީރަމް އިސްޓިޓިއުޓް އާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ދަށުން ގެނައި ވެކްސިނެވެ. ސަރުކާރުން ވަނީ އެ ވެކްސިންގެ ތިން ލައްކަ ޑޯޒް ގަތުމަށް އެއްބަސްވެފަ އެވެ.

އެސްޓްރަޒެނެކާ ސިންގަޕޫރު ކުންފުންޏާ އެކު ވެސް ސަރުކާރުން ވަނީ ހަތް ލައްކަ ޑޯޒްގެ ވެކްސިން ގަތުމަށް އެއްބަސްވުމެއް އެކުލަވާލައިފަ އެވެ.

ރާއްޖެ އިން ވަނީ ފައިޒާ ވެކްސިނަށް ވެސް ހުއްދަ ދީފަ އެވެ. އެ ވެކްސިންގެ 5،850 ވެކްސިން ޑޯޒު ރާއްޖެ ގެނެސްފައިވާ އިރު އަދި އެ ވެކްސިން ދޭން ފަށައިފައެއް ނުވެ އެވެ.

އިއްޔެގެ ނިޔަލަށް ރާއްޖެ އިން 235،682 މީހުން ވަނީ ވެކްސިން ޖަހައިފަ އެވެ.