31 Mar 2021, 10:20
މިފަހަކަށް އައިސް ބަރުދަން ލުއި ކުރުމަށްޓަކައި އެންމެ ގިނަ ބަޔަކު ބޭނުންކުރާ އެއް ޑައެެޓް ޕްލޭނަކީ "އިންޓާ މިޓެންޓް ފާސްޓިން" އެވެ. އެހެން ޑައެޓް ތަކާއި ޚިލާފަށް މިއީ ކޮންމެހެން ވަކި ބާވަތްތަކުގެ ކާއެއްޗެހި ބޭނުންވާނޭ ޑައެޓެއް ނޫނެވެ. އޭގެ ބަދަލުގައި މި ޑައެޓުގައި ބޮޑަށް ބަލަނީ އެމީހަކު ކާ ގަޑިތަކަށެވެ. ބައެއް ދިރާސާތަކުން ދައްކާގޮތުގައި މިއީ ބަރުދަން ލުއިކޮށް ހާއްސަކޮށް ބަނޑުގެ މަސްތައް ވިރުވާލުމަށް ދުޅަހެޔޮ ގޮތެކެވެ. އެހެންނަމަވެސް ބައެއް މީހުންނަށް މި ޑައެޓުންވެސް ބަރުދަން ލުއި ނުކުރެވިގެން މިއުޅެނީ ކީއްވެގެން ބާވައެވެ.
އިންޑިއާގެ އެންމެ މަޝްހޫރު އެއް ނިއުޓްރިޝަނިސްޓް އަދި "މައި22ބީއެމްއައި" ގެ ފައުންޑާ ޕްރީޓީ ޓިޔާގީ މިވަނީ އެ ސަބަބުތައް ހިއްސާކޮށްފައެވެ.
އެދެވޭ މިންވަރުގެ ޕޯޝަންތައް ނުކެވުން
ޕްރީޓީ ވިދާޅުވާ ގޮތުގައި އިންޓާ މިޓެންޓް ފާސްޓިން މަސައްކަތްނުކުރާ އެންމެ އާންމު އެއް ސަބަބަކީ ކާންޖެހޭ މިންވަރު ނުވަތަ ޕޯޝަން ސައިޒަށް ފަރުވާ ނުބެހެއްޓުމެވެ. ގިނަ އިރުތަކެއް ވާންދެން ނުކައި ހުރުމަށްފަހު ކާންފަށާއިރު އެޔެއް މިޔެއް ނުބަލާ ކެވުމާއި އަދި މާ މަދުން ކެއުމެވެ. އެމީހެއް ކާ މިންވަރަކީ ހަށިގަނޑުގެ މެޓަބޯލިޒަމްއާއި ވެސް ގުޅިފައިވާ ކަމަކަށްވާއިރު، ކުދި ޕޯޝަން ސައިޒްތަކަށް ސަމާލުކަން ދިނުން މުހިންމެވެ.
ކެލަރީ ގިނަ ނުވަތަ މަދު ބާވަތްތައް ކެވުން
މިފަދަ ޑައެޓެއް ގެންގުޅުމުގެ މަގްސަދަކީ ބަރުދަން ލުއިކުރުން ކަމުގައިވާނަމަ ކޮންމެހެންވެސް ކޮށްގެން ނުވާނެ އެއްކަމަކީ ކެލަރީ ގިނަ ކެއުންތައް ކެއުމެވެ. ކެލަރީ ގިނަ ބާވަތްތަކުގެ އިތުރަށް ކެއްކުމުގައި ބޭނުންކުރާ ފެޓްސްއަކީ ދުޅަހެޔޮ ނޫން އެއްޗަކަށް ވާނަމަވެސް ބޭނުންތިވާ މިސްރާބާއި ހިސާބަށް ނުގޮސްދާނެއެވެ. އެހެންކަމުން ޕްރީޓީގެ ހިޔާލަކީ މިފަދަ ޑައެޓެއްގައިވެސް އެންމެ އެދެވޭ ނަތީޖާއެއް ހޯދުމަށްޓަކައި ސެލެޑު ފަދަ ބާވަތްތަކާއި، ފައިދާހުރި މިންވަރަށް ފެޓްސް ބޭނުންކުރުމެވެ.
ހަމަ އެއާއެކު ހަށިގަނޑަށް މާ މަދުން ކެލަރީ ލިބުމަކީ ކާނާ ހަޖަމްކުރުމަށް މައްސަލަ ކުރިމަތިވެ، ބަރުދަން ލުއިވުމަށް ހުރަސް އެޅޭ ސަބަބަކަށް ވެދާނެއެވެ.
ކަސްރަތު ނުކުރުން
ކޮންމެ ފަދަ ޑައެޓެއް ގެންގުޅުނު ނަމަވެސް އެކަށީގެންވާވަރަށް ހެލިފެލިވެ ނޫޅޭނަމަ އެއިންވާނޭ މާބޮޑު ފައިދާއެއް ނޯންނާނެ އެވެ. ދުޅަހެޔޮކޮށް ހުުރުމަށްޓަކައި ކަސްރަތަކީ ހަމަ ކޮންމެހެންވެސް ޒަރޫރީ ކަމެކެވެ. އެހެންކަމުން ދެން ފަހަރަކު އެތަށް ގަޑިއިރެއް ވަންދެން ނުކައި ހައިކަން މަތީ ހުރެ، ބަރުދަން ލުއިކުރަން ތިކުރާ މަސައްކަތުގެ ނަތީޖާ ނުލިބޭނަމަ މިފަދަ ގޯސްތަކަށް ސަމާލުވެ ހުންނާށެވެ.