މުޒާހަރާ ކުރަމުންދަނިކޮށް ހައްޔަރުކޮށް ފުލުހުން މޫނަށް ޕެޕާ ސުޕްރޭ ޖެހިފަހުން ސީރިއަސް ހާލަތުގައި އޮތް ގައުމީ ޕާޓީގެ ކައުންސިލް މެންބަރު އަހުމަދު އިބްރާހިމް ދީދީ (ސަންދާނު އަހައްމައިދީ) އަށް އިތުރު ފަރުވާ ދިނުމަށް ރާއްޖޭން ބޭރަށް ގެންގޮސްފި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ކުރި މުޒާހަރާގައި ފުލުހުންގެ ޕެޕާ ސުޕްރޭ ޖެހުމުގެ ސަބަބުން ހާލު ސީރިއަސްވެ މިހާތަނަށް އޭޑީކޭގައި އެޑްމިޓްކޮށްފައި އޮތް އަހަންމައިދޭ ރޭ ދަންވަރު ގެންގޮސްފައި ވަނީ ސްރީ ލަންކާއަށެވެ. ޕެޕާ ސުޕްރޭ ޖެހުމުގެ ސަބަބުން ނޭވާ ލުމަށް އުނދަގޫވި އަހަންމައިދީއަށް ފުރަތަމަ ފަރުވާ ދިނީ ސަރުކާރުގެ މައި ހޮސްޕިޓަލު އައިޖީއެމް އެޗްގެ އައިސީޔޫގަ އެވެ.

އަހަންމައިދީ ބޭރަށް ފޮނުވުމުގައި އިސްކޮށް ހަރަކާތްތެރިވި ގައުމީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ އަމީން ވިދާޅުވީ ރޭ 12:20 ގައި ލަންކާއަށް އަހައްމަދީ ފުރުވާލާފައިވާ ކަމަށާއި މިހާރު ކޮލަންބޯގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކޮށް ފަރުވާ ދޭން ފަށާފައިވާ ކަމަށެވެ. އަމީން އަދި ވިދާޅުވީ އަހަންމައިދީ ލަންކާއަށް ވަޑައިގަތީ އަމިއްލަ ހަރަދުގައި ކަމަށެވެ.

ސުޕްރޭ ޖެހުމުގެ ސަބަބުން އަހައްމައިދީގެ ހާލު ސީރިއަސް ވެފައިވާއިރު އޭނާގެ މޫނަށް ފުލުހުން ޖަހާފައިވަނީ ވިހަ ސްޕްރޭ އެއް ކަމަށްބުނެ ގައުމީ ޕާޓީން ވަނީ އަހަންމައިދީގެ މޫނަށް ސުޕްރޭ ޖެހި ފުލުސް ހޯދަން ވެސް ގޮވާލާފަ އެވެ.

އިދިކޮޅު ހުރިހާ ފަރާތެއް ގުޅިގެން އުފައްދާފައިވާ އިއްތިހާދުން މާލޭގައި ފަށާފައިވާ ސިލްސިލާ މުޒާހަރާތަކުގައި އެތަކެއް ފަހަރު ހައްޔަރުކޮށްފައިވާ އަހަންމައިދީއަކީ މުޒާހަރާތަކުގެ "ރޫހާނީ ލީޑަރު" ކަމަށް މުޒާހަރާގެ އިސްވެރިން ކޮންމެ ރެއެއްގެ މުޒާހަރާގައި ސިފަކުރެ އެވެ.