ގއ. ކޫއްޑޫގައި ހިންގާ އެއާޕޯޓުގެ މުވައްޒަފުންގެ މުސާރަ އިއާދަކޮށްދީފައި ނުވާތީ އެތަނުގެ މުވައްޒަފުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން އެއާޕޯޓު މުވައްޒަފުންގެ މުސާރައިން 30 ޕަސެންޓު ވަނީ އުނިކޮށްފައެވެ. މުވައްޒަފުންގެ މުސާރަ ކުޑަކޮށްފައި ވަނީ ކޮވިޑް19 އާއި ގުޅިގެން އެއާޕޯޓު އޮޕަރޭޝަންސް މަދުވެ އާމްދަނީ އަށް އަސަރު ކުރުމުންނެވެ.

ނަމަވެސް އެއާޕޯޓުގެ އޮޕަރޭޝަންތައް ހަމައަކަށް އެޅި ޓްރެފިކް ރަނގަޅުވެފައިވީ ނަމަވެސް މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލު އިއާދަކޮށްފައި ނުވާތީ، އެއާޕޯޓުގެ މެނޭޖުމެންޓަށް މުވައްޒަފުން ވަނީ މިދިޔަ ފެބްރުއަރީ މަހު ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.

މިދިޔަ ޓޫރިޒަމް ސީޒަނުގައި ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓުތައްވެސް ވަނީ ކޫއްޑޫ އެއާޕޯޓުގައި ޕާކުކޮށްފައެވެ.

އެ ޕެޓިޝަނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތައް ހިމަނައި އެކަންތަކަށް ރިއާޔަތްކޮށް، މުސާރަ އާއި އިނާޔަތްތައް އަލުން އިއާދަކޮށްދިނުމަށް ވަނީ އެދިފަ އެވެ. އަދި މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން މެނޭޖުމެންތުގެ ޖަވާބެއް މުވައްޒަފުންނަށް ދިނުމަށްވެސް ވަނީ އެދިފަ އެވެ.

އެއާޕޯޓުގެ މުވައްޒަފަކު ބުނީ މަޗު 20 ގެ ކުރިން ޖަވާބެއް ދިނުމަށް މުވައްޒަފުން އެދުނު ނަމަވެސް މެނޭޖުމެންޓުގެ ޖަވާބު ލިބުނީ އެއަށްވުރެ ފަހުން ކަމަށެވެ.

"ޖަވާބުގައި ބުނީ މުސާރައަށް 3،100 އަށްވުރެ މަދުން ލިބޭ މުވައްޒަފުްނަށް މެއި މަހު 10 ޕަސެންޓު، އޮގަސްޓު މަހު 10 ޕަސެންޓު އަދި ނޮވެމްބަރު މަހު 10 ޕަސެންޓު އިތުރުކޮށްދޭނެ ކަމަށް. އަދި އެއަށްވުރެ ބޮޑުކޮށް މުސާރަ ލިބޭ މީހުންގެ މުސާރައިން އުނިކުރި ބައި ރިވިއުކުރާނެ ކަމަށް ޖޫން މަހު. ރިވިއުކޮށްފައި އަންގާނެ ކަމަށް،" އޭނާ ބުންޏެވެ.

ކޮވިޑާ ގުޅިގެން ކޫއްޑޫ އެއާޕޯޓްގެ މުވައްޒަފުންގެ މުސާރައިން 30 ޕަސެންޓު އުނިކޮށް، އޯވާޓައިމް އާއި ހޮލިޑޭ އެލަވެންސް ދިނުން ހުއްޓާލި އެވެ. އެލަވެންސްސާއި އޯޓީ ކަނޑާލުމުން މުސާރައިން ގާތްގަނޑަކަށް 40 ޕަސެންޓު މަދުވި ކަމަށް މުވައްޒަފުން ބުނެއެވެ.

"ބައެއް ފަހަރު ސާވިސް އެލަވެންސް ވެސް ކަނޑާފައި ހުންނަނީ،" މުސާރައިން ބޮޑު އެއްޗެއް މަދުކޮށްފައިވާތީ ކަންބޮޑުވުން ފާޅުކޮށް އޭނާ ބުންޏެވެ.

މި މަހުން ފެށިގެން އޯޓީ އާއި ހޮލިޑޭ އެލަވެންސް ދޭން ފަށާނެ ކަމަށް މެނޭޖުމެންޓުން އެންގި ކަމަށްވެސް އެއާޕޯޓުން ވަހަކަ ދެއްކި މުވައްޒަފު ބުންޏެވެ.

މުސާރަ އިއާދަކޮށްދޭން މުވައްޒަފުން އެދިފައިވަނީ ކޮވިޑް އާ ގުޅިގެން ބޭންކުތަކާއި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ނަގާފައިވާ ލޯނުތަކާއި އިންސްޓޯލުމެންޓުތަކަށް ފައިސާ ދެއްކުމަށް ދިން ލުއިތައް ނިމުމަކަށް އައުމުންނެވެ. އަދި ކުރިއަށް އޮތޯ ރަމަޟާން މަސް ކަމަށްވެފައި ތަކެތީގެ އަގު އުފުލެމުންދާ މިދުވަސްވަރު މުވައްޒަފުންނަށް މާލީގޮތުން ދަތިތައް ކުރިމަތިވާތީ އެކަމަށް ރިއާޔަތްކޮށްދިނުމަށް ވަނީ އެދިފަ އެވެ.

ކޫއްޑޫ އެއާޕޯޓުގައި 48 މުވައްޒަފުން މަސައްކަތް ކުރެއެވެ. މުވައްޒަފުން މަސައްކަތް ކުރާ މާހައުލުގައި ހުރި ކަންބޮޑުވުންތައް މިގެ ކުރިންވެސް މެނޭޖުމެންޓާއި ހަމައަށް ވަނީ ގެންގޮސްފަ އެވެ.

އެއާޕޯޓުގެ ފެސިލިޓީތަކުގެ ހާލަތު ގޯސްވެ. އެތަންތަން މަރާމާތު ކުރަން ޖެހިފައިވާއިރުވެސް އެކަމަށް ހައްލެއް ނުލިބުމާއި ވެހިކަލްތަކުގެ މައްސަލަ އަކީވެސް މުވައްޒަފުން ދައްކަމުން އަންނަ ވާހަކަ ތަކެވެ.

މަތީ ފަންތީގެ ރިސޯޓުތަކަށް އަންނަ ފަތުރުވެރިންނަށް ހިދުމަތްދޭ އެއާޕޯޓުގެ ހާލަތު ވެސް ގޯސް ކަން މުވައްޒަފުން ފާހަގަ ކުރެއެވެ.

ކޫއްޑޫ އެއާޕޯޓު ތަރައްގީކުރީ، 2011 ވަނަ އަހަރު އޭރުގެ ސަރުކާރުން ދިގުރަށް ކިޔާ ފަޅު ރަށެއްގައި ރިސޯޓެއް ތަރައްގީކުރުމަށް 50 އަހަރަށް ބޮނަވެއްޗާ މޯލްޑިވްސްއާ ހަވާލުކޮށްގެން އެވެ.

ފަންސަވީސް އަހަރަށް އެއާޕޯޓު ހިންގައި ތަރައްގީ ކުރުމަށް 2012 ވަނަ އަހަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން ހަވާލުކޮށްފައިވަނީ، ސިންގަޕޫރުގެ ކިއޮން ހޮންގް ކޮންސްޓްރަކްޝަނާއި އެލިސަން ކޮންސްޓްރަކްޝަން ކުންފުނި ގުޅިގެން އުފައްދާފައިވާ ކޭއެޗްއޭ ކޮންސްޓްރަކްޝަންއާ އެވެ. އެއާޕޯޓު ހިންގުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ކޫއްޑޫ އަނެއް ފަޅީގައި ރިސޯޓެއް [މާކިއު ރިސޯޓްސް މޯލްޑިވްސް] ތަރައްގީކޮށް ހިންގުމަށެވެ. އަދި ފަހުން ކޫއްޑޫ އެއާޕޯޓު ތަރައްގީކޮށް އިތުރަށް ބޮޑު ކުރުމަށް އަތޮޅުގެ އެންމެ ބޮޑު ފަޅު ރަށް، މާމުޓާ ވެސް ރިސޯޓެއް ތަރައްގީކުރުމަށް ވަނީ ދީފަ އެވެ. އެއީ މިހާރު ޕުލްމަން މޯލްޑިވްސް މާމުޓާ އެވެ.