ސަރުކާރުން 200 މިލިއަން ޑޮލަރުގެ ސުކޫކު ވިއްކަން ތައްޔާރު ވެއްޖެއެވެ.

ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާގޮތުން މި ސުކޫކު ވިއްކަނީ 10.5 ޕަސެންޓު ޔީލްޑު ރޭޓުން ފަސް އަހަރަށެވެ.

މި ސުކޫކު ވިއްކުމުގެ މުއާމަލާތް ކުރިއަށް ގެންދިޔުމުގައި މެދުވެރި ވަނީ ކްރެޑިޓް ސޫއިޒް އާއި އެމިރޭޓްސް އެންބީޑީ ކެޕިޓަލްގެ އިތުރުން އެސްއެސްބީސީ އަދި އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ) އެވެ.

މި ސުކޫކަށް މޫޑީސް އިން ބީ3 ގެ ރޭންކިން ދީފައިވާ ކަމަށާއި އަންނަ މަހުގެ އަށްވަނަ ދުވަހު މި ސުކޫކުގެ ސެޓްލްމެންޓުު ފައިނަލް ކުރާނެ ކަމަށް ރިޕޯޓު ކޮށްފައި ވެއެވެ.

ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭރުގެ ފަރާތަކަށް 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކަން ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ. އައިސީޑީ އާއި ގުޅިގެން އެ ސުކޫކު އިޝޫކުރުމަށް ސަރުކާރުން ކަނޑައަޅާ 100 ޕަސެންޓް ދައުލަތުން ހިއްސާވާ ސްޕެޝަލް ޕާޕަސް ވެހިކަލް (އެސްޕީވީ) އަށް ދައުލަތުގެ އެސެޓެއްގެ ބެނެފިޝަލް އޯނަޝިޕް ބަދަލުކުރަން ޖެހެއެވެ.

އެ ސުކޫކު އިޝޫ ކުރުމަށް ދަރުމަވަންތަ ހޮސްޕިޓަލްގެ އޯނާޝިޕް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލު ކުރަން ވަނީ ނިންމައިފަ އެވެ.

ދައުލަތުގެ ބަޖެޓުގައި، 2018 އިން 2022 ގެ ނިޔަލަށް ރާއްޖެއިން ބޭރަށް ބޮންޑު ނުވަތަ ސުކޫކު ވިއްކައިގެން 4.26 ބިލިއަން ރުފިޔާ ހޯދުމަށް ވަނީ ހިމަނައިފައެވެ.