ރަށުގެ ހާލަތު ވަޒަންކޮށްލުމަށް އެންމެ މުހިއްމީ ސާމްޕަލްތަކުގެ ނަތީޖާ އަވަހަށް ލިބުން ކަމަށް ޅ. ހިންނަވަރު ކައުންސިލުން ބުނެފިއެވެ.

ހިންނަވަރުގައި މިވަގުތު ކޮވިޑުގެ ދެ ކޭސް އެއް އެބައޮތެވެ. އާދިއްތަ ދުވަހު އެރަށުން މަރުވި މީހެއްގެ ސާމްޕަލްވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

ހިންނަވަރު ކަައުންސިލުގެ ރައީސް އަބްދުﷲ އިބްރާހިމް މިރޭ ވިދާޅުވީ މިހާރު އޮތް ކަންބޮޑުވުމަކީ ސާމްޕަލް ތަކުގެ ނަތީޖާ ލަސްވުން ކަމަށެވެ. ގާތްގަނޑަކަށް 200 އެއްހައި ސާމްޕަލްްގެ ނަތީޖާ ނުލިބި އެބައޮތް ކަމަށް ކައުންސިލުން ބުންޏެވެ.

ހިންނަވަރުން ކޮވިޑުގެ ކޭހެއް ފެނި އެރަށް މޮނީޓަރިން އަށް ލީ މި މަހުގެ 24 ވަނަ ދުވަހު އެވެ. މީގެ ކުރިން ދެ ދުވަސް ތެރޭ އެންމެ ލަސްވެގެން ސާމްޕަލް ތަކުގެ ނަތީޖާ ލިބޭ ކަމަށާއި މިހާރު ފަސް ދުވަސް ވާއިރުވެސް ނަތީޖާ ނުލިބުމަކީ މިހާލަތުގައި އޮތް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

"އެޗްޕީއޭ އިން ބުނަނީ ސާމްޕަލްތައް ގިނަ ކަމުން ކަމަށް ލަސް ވަނީ. ގިނަ ކޭސްތައް ފެންނަމުންދާ މި ދަނޑިވަޅުގައި ލަސްވަނީ އެހެންވެ ކަމަށް،" އަބްދުﷲ ވިދާޅުވިއެވެ.

"ކަންބޮޑުވުމަކީ ލަސްވުން ރަށުގެ ހާލަތު ދެނެގަންނަން އުނދަގޫ،" އޭނާ ވިދާޅުވި އެވެ.

މިއަދު އެރަށުް ޕޮޒިޓިވް ވެފައިވަނީ މިމަހުގެ 26 ވަނަ ދުވަހު ނެގި ސާމްޕަލް އެކެވެ. އެމީހާ އަކީ ފެލިވަރުގެ މުވައްޒަފެއް ކަމަށް ކައުންސިލުން ބުންޏެވެ.

ހިންނަވަރު ކައުންސިލުުން ބުނީ ރަށުގެ ރައްޔިތުންގެ ފަރާތުން މި ދަނޑިވަޅުގައި ފެންނަނީ ކިޔަމަންތެރިކަން ކަމަށެވެ. އެންގުންތަކަށް ފުރިހަމައަށް ބޯލަނބާ ކަމަށާއި ޒަރޫރީ ބޭނުމަކަށް ބޭރަށް ނިކުތްނަމަވެސް ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާ ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

އާބާދީގައި 4،900 އަށް ވުރެ ގިނަ މީހުން ހިންނަވަރުގައި ދިރިއުޅޭއިރު ފުރަބަންދަށް ގޮސްތިބި މީހުންނާއެކު ޖުމްލަ 45 ގެއެއް އެރަށުގައި މިވަގުތު ކަރަންޓީނު ކޮށްފައި އެބަ ހުއްޓެއްވެ.

ހިންނަވަރުގެ އިތުރުން އެ އަތޮޅު ފެލިވަރާއި ނައިފަރުންވެސް ވަނީ ކޮވިޑުގެ ކޭސްތައް ފެނިފައެވެ. ނައިފަރުން ޕޮޒިޓިވްވި މީހުންގެ އަދަދު 43 އަށް އަރާފައިވާއިރު ނަތީޖާ ނުލިބޭ 541 ސަމްޕަލް ވާކަމަށް އެ ރަށުގައި ހުންނަ ޅ އަތޮޅު ހޮސްޕިޓަލުން ބުންޏެވެ.