ސުޕްރީމް ކޯޓުގެ ބޭރު ގޭޓުގެ ސިކިއުރިޓީ ބެލެހެއްޓުން ސިފައިން ދޫކޮށްލުމަށް ފަހު، އެ ބޭފުޅުން ގެންދެވި ގޭޓް ތަޅުދަނޑި "އޮޅިގެން ގެންދެވުނީ" ކަމަށް ބުނެ ރޭ ހަވާލުކޮށްފި އެވެ.

ސަން އަށް ވަރަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ ގޭޓުގެ ތަޅުދަނޑި ސިފައިން އަނބުރާ ހަވާލުކުރީ ރޭ 10 އާއި 11 އާ ދޭތެރޭގެ ވަގުތެއްގަ އެވެ.

ސިފައިން ތަޅުދަނޑި ހަވާލުކުރި ނަމަވެސް، ސަން އަށް އެނގިފައިވާ ގޮތުގައި، ގަޑިއަކުން ގަޑިއަކުން ޑިއުޓީ ބަދަލުވާ ގޮތަށް، ކުރިން ސިކިއުރިޓީ ބެލެހެއްޓި މެރިންކޯގެ މީހުން ޑިއުޓީއެއް ނުކުރެވެ އެވެ. ނަމަވެސް ހަ ގަޑިން ޑިއުޓީ ބަދަލުވާ ގޮތަށް ސުޕްރީމް ކޯޓުގެ ގޯތީތެރޭގައި ސިކިއުރިޓީ ބަލަހައްޓަމުން އަންނަ އެސްޕީޖީގެ ސިފައިން އަދި ވެސް އަންނަނީ ޑިއުޓީ ކުރަމުންނެވެ.

އެމްއެންޑީއެފުގެ މީޑިއާ އޮފިސަރު ވިދާޅުވީ އެކަމާ ބެހޭ މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި، ސިފައިން ސުޕްރީމް ކޯޓުގެ ބޭރު ގޭޓުގެ ޑިއުޓީ ބެލެހެއްޓުން ދޫކޮށްލިފަހުން، ރޭ ދަންވަރު 12:58 އެހާކަންހާއިރު 10 ވަރަކަށް މީހުންވެގެން ސުޕްރީ ކޯޓުގެ، ބަންޑާރަ މިސްކިތާ ޖެހިގެން ހުންނަ ކާރު ވަންނަ ގޭޓު ތަޅުވައިތަޅުވައި ވަނީ ހަލާކުކޮށްލައިފަ އެވެ. އަދި އެ ސަރަހައްދަށް އެ ގަޑީގައި 40 ވަރަކަށް މީހުން ގޮސް ހަޅޭއްލެއްވި ކަމަށް އެނގިފައިވެ އެވެ.