30 Mar 2021, 16:19
ތ. ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރާ އެ ރަށު އުސްގެ، ހަސަން މޫސާގެ ކެންޑިޑެންސީ، ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
ހަސަން މޫސާ އިންތިހާބަށް ކުރިމަތިލުމަށް ހުށަހެޅި މައުލޫމާތާއި ތަކެތި ބެލުމަށްފަހު، ޝަރުތު ފުރިހަމަވާތީ އޭނާގެ ކެންޑިޑޭޓުކަން ބަލައިގަނެ، 22 ފެބުރުއަރީ 2020 ގައި އިލެކްޝަންސް ކޮމިޝަނުން އޭނާއަށް އެންގި އެވެ.
ނަމަވެސް ނޮވެމްބަރު ދެވަނަ ދުވަހު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން އީސީއަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، އެ ޑިޕާޓްމަންޓަށް ލިބުނު ޝަކުވާ އަކާ ގުޅިގެން އިތުރަށް ބެލި ބެލުމުން، ހަސަން މޫސާގެ މައްޗަށް ދަރިންގެ ސާބިތު ހަރަދުގެ މައްސަލައިގައި ފައިސާ ނުދައްކައިގެން ދައުވާއެއްކޮށް ހުކުމް ކޮށްފައިވާ ކަމަށެވެ.
އެހެންކަމުން ހަސަން މޫސާއަކީ އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތު ފުރިހަމަނުވާ މީހެއް ކަމަށް ބުނެ އީސީން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.
ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ މޫސާ ހަސަންގެ ކެންޑިޑެސީ ފޯމު ހުށަހެޅިއިރު ސާބިތު ހަރަދުގެ ގޮތުގައި 86،148 ރުފިޔާ ނުދައްކަ ހުރި ކަމަށެވެ. ނަމަވެސް މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް އެ ފައިސާ ދައްކަ ހަލާސްކޮށްފައިވާ ކަމަށެވެ.
އެހެންކަމުން ސުޕްރީމް ކޯޓުން މިއަދު ނިންމީ، އިންތިހާބަށް ކުރިމަތިލާން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިއިރު، ހުކުމާ އެއްގޮތަށް ދައްކަންޖެހޭ ސާބިތު ދަރަންޏެއް އޮތް ކަމަށް ކިތާބީ ހެކިތަކުން ސާބިތުވާތީ، ހަސަން މޫސާ އަކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެންޑިޑޭޓު ކަމުގެ ޝަރުތު ފުރިހަމަވާ ފަރާތެއް ނޫން ކަމަށެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.