ހުސްވި ފެބުރުއަރީ މަހު ޖެންޑާ މިނިސްޓްރީއަށް 186 މައްސަލައެއް ހުށަހެޅި ކަމަށާއި އޭގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 92 މައްސަލަ ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ޖެންޑާއިން އާންމުކުރި ފެބުރުއަރީ މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެބާވަތުގެ 25 މައްސަލަ ރިޕޯޓުކޮށްފައިވެ އެވެ.

އޭގެ އިތުރުން ޖިސްމާނީ ހާނިއްކައިގެ 21 މައްސަލަ، އިހުމާލުވުމުގެ 17 މައްސަލަ، ނަފްސާނީ ހާނިއްކައިގެ ނުވަ މައްސަލަ، ނަހަމަގޮތުގައި ބޭނުންކުރުމުގެ އަށް މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ އަށް މައްސަލަ، އެހެންކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ތިން މައްސަލަ އަދި އެހެންކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ މައްސަލައެއް ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.

ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި ދެ މައްސަލަ ފެބުރުއަރީ މަހު ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ގެއިން ނުކުމެގެން ދިއުމުގެ މައްސަލައަކާއި ސްކޫލަށް ދާން ބޭނުންނުވުމުގެ މައްސަލައެކެވެ.

ހައްގުތަކުން ކުޑަކުދިން މަހްރޫމުކުރުމުގެ ފަސް މައްސަލަ ވެސް ފެބުރުއަރީ މަހު ވަނީ ރިޕޯޓުކޮށްފަ އެވެ. އޭގެ ތެރޭގައި މުޅިން ވެސް ހިމެނެނީ ކުދިންގެ ތައުލީމަށް ހުރަސްއެޅުމުގެ މައްސަލައެވެ.

އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ ހަ މައްސަލަ ހުށަހަޅާފައި ވާއިރު،
އޭގެ ތެރޭގައި ހިމެނެނީ މާރާމާރި ހިންގުމުގެ ހަތަރު މައްސަލަ އަދި ތޫނު އެއްޗެހި ގެންގުޅުމުގެ އެއް މައްސަލަ އެވެ.

ފެބުރުއަރީ މަހު އާއިލީ 21 މައްސަލަ މިނިސްޓްރީއަށް ހުށަހެޅި އެވެ. އޭގެ ތެރޭގައި ހަޟާނާތު ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ 18 މައްސަލަ، ކުދިން ބެލުމުގައި ޖެހޭ ދެ މައްސަލަ އަދި ދަރިންނަށް ހަރަދު ދިނުމުގައި ދިމާވާ އެއް މައްސަލަ ހިމެނެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 38 މައްސަލަ ވެސް މިދިޔަ މަހު ހުށަހަޅައި އެޓެންޑުކޮށްފައިވެ އެވެ. އޭގެތެރޭގައި އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ މައްސަލައާއި ޖިސްމާނީ އަނިޔާކުރުމުގެ މައްސަލައެވެ. އެގޮތުން ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 14 މައްސަލައާއި ޖިސްމާނީ އަނިޔާކުރުމުގެ 14 މައްސަލަ ރިޕޯޓުކޮށްފައިވެ އެވެ.

އޭގެ އިތުރުން އިހުމާލުވުމުގެ ތިން މައްސަލަ، ޖިންސީ ހާނިއްކަކުރުމުގެ މައްސަލައަކާއި ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލައަކާއި ޖިންސީ ފުރައްސާރަކުރުމުގެ މައްސަލައަކާއި މާލީ ނުވަތަ އިގްތިސޯދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ މައްސަލައަކާއި، މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ މައްސަލައަކާއި ބާރާއި ނުފޫޒު ފޯރުވުމުގެ މައްސަލައަކާއި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ މައްސަލައެއް ހިމެނެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 12 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފަ އެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 10 މައްސަލައާއި، އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ ދެ މައްސަލަ އެވެ.

އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 10 މައްސަލަ ފެބުރުއަރީ މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެ އެވެ.

ފެބުރުއަރީ މަހު ދައުލަތުގެ ބެލުމުގެ ދަށަށް ދެ ކުދިން ނަގާފައިވެ އެވެ. ފެބުރުއަރީގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ އަދަދަކީ 224 އެވެ.