ފަނޑިޔާރުން ދާއިމީ ކުރުމުން ފެށިގެން އެބޭފުޅުން ކުރަށްވާ ހުކުމް ތަކާއި ގުޅޭ ގޮތުން ސަރުކާރުގެ އިތުރުން ގާނޫނީ ބައެއް ފަރާތްތަކުން ވެސް ފާޑު ކިޔައި ސުވާލު އުފައްދަ އެވެ. މިކަން މިހެން އޮތް އިރު އިދިކޮޅު ފަރާތްތަކާއި ސަރުކާރު ވެސް ގޮވާލަނީ އަދުލު އިންސާފުގެ ދާއިރާ ހިމާޔާތް ކުރުމަށެވެ. އެންމެން ވެސް ފަށާފައި ވަނީ އިންސާފުގެ ދަތުރެކެވެ.

ފަނޑިޔާރުންނަށް ހުކުމް ކުރެވޭނީ އަދި ކޯޓްތަކަށް މައްސަލަތައް ބަލައިގަތުމާއި ބަލައިނުގަތުން ވެސް ބުރަވަނީ ހަދާފައިފައިވާ ގާނުނޫތަކާއި ޕްރޮސީޖާތަކުގެ މައްޗަށެވެ. މިހާތަނަށް ވެސް ކޯޓްތަކަށް ބޭނުންވާ އެންމެ މުހިންމު ގާނޫނު ތައް ހުރީ މަޖިލިހުގެ ތެރޭގައި "މަރުތަޅު" އެޅިފައެވެ. ގާނޫލް އުގޫބާތް، ނުވަތަ ޕީނަލް ކޯޑާއި ޖިނާއީ އިޖުރާއަތުގެ ގާނޫނު ރައްޔިތުންގެ މަޖިލިހުގައި ޕާކްވެ ފާސްނުކުރެވި އޮތް އޮތުން އެއީ ރަނގަޅު ފަނޑިޔާރުގެއެއް ބިނާކުރުމަށް އޮތް އެންމެ ބޮޑު އެއް ހުރަސް ކަމަށް ވާނެ އެވެ.

ކުރީގެ ބަންޑާރަ ނައިބު ކަމާއި އިސް ގާޒީކަން ކުރެއްވެވި މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވި ގޮތުގައި މިހާރު ދިމާވެގެން އުޅޭ ޝަރުއީ ދާއިރާގެ މައްސަލަތަކާއި އެކި ފަނޑިޔާރުން އެކިގޮތަށް އަމަލުކުރަމުންދާ މައްސަލަތައް ހައްލު ނުކުރެވިގެން އުޅޭ މައިގަނޑު ސަބަބަކީ ޖިނާއި އިޖުރާއަތުގެ ގާނޫނާއި ޕީނަލް ކޯޑް މަޖިލިހުން ފާސްނުވެ އޮތުމާއި ޝަރުއީ ދާއިރާގައި ކަންކަން ކުރާނެ ގޮތުގެ އުސޫލްތަކެއް ކަނޑައެޅިފައިނެތިގެން ދިމާ ވެގެން އުޅޭ މައްސަލަތަކެކެވެ. ސުއޫދު ދެކެވަޑައިގަންނަވާ ގޮތުގައި މައްސަލައިގެ ޒިންމާ އެޅެނީ ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ ކޮނޑުގަ އެވެ.

"ކޯޓުތަކުގައި ދިމާވެފައިވާ ފަނޑިޔާރުންގެ ގިނަ މައްސަލަ އާއި އެހެނިހެން މައްސަލަތައް ރަނގަޅު ނުކުރެވިގެން އުޅޭ މައިގަނޑު އެއް ސަބަބަކީ ރައްޔިތުންގެ މަޖިލިހުގެ މެންބަރުން އަދާކުރަން ޖެހޭ ވާޖިބުތައް އެންމެ ފުރިހަމަ ގޮތުގައި އަދާ ނުކުރުން. ބައްލަވާ މަޖިލިހުން ފަނޑިޔާރުންގެ ގާނޫނު ފާސްކުރަން ޖެހޭ މުއްދަތުގެ ތެރޭގައި ފާހެއްނުވި. ކޯޓްތަކާ ބެހޭ ގާނޫނު ފާސްކުރަން ޖެހޭ މުއްދަތުގެ ތެރޭގައި ފާހެއް ނުވި. ޖިނާއި އިޖްރާއަތުގެ ގާނޫނު އޮތީ އަދިވެސް އޮތްތާނގައި،" ސުއޫދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ ކޯޓުތަކުން އެއް މިންގަނޑުން ކަންކަންކުރުމުގެ އެންމެ މުހިންމު ގާނޫނަކީ ޖިނާއި އިޖުރާއަތުކަމަށްވާ ހިނދު އެކަން ފުރިހަމަވެފައި ނެތުމުގެ ސަބަބުން ކޯޓުތަކުގެ ބޮލުގައި އެޅޭ ބަދުނާމަށް ރައްޔިތުންގެ މަޖިލިހުން ޒިންމާ ނަގަން ޖެހޭނެ ކަކަމަށް ގަބޫލް ކުރެއްވޭ ކަމަށެވެ.

"ކުރިއަށް އޮތްތާގައި ވެސް މަޖިލިހުން އަވަސް މުއްދަތެއްގެ ތެރޭގައި އެ ބިލް ފާސްކުރެވިދާނެ ކަމާއި މެދު ޝައްކު އުފެދޭ،" އޭނާ ވިދާޅުވި އެވެ.

ކޯޓަކަށް ވަންނަން ޖެހުމަކީ ސިންގާގެ އަނގައިގެ ތެރެއަށް ވަނުން ފަދަ ކަމެއް ކަމަށް އަބަދުވެސް ސިފަ ކުރެވެ އެވެ. އެކަމަކު ކޯޓްތަކަކީ އާންމުންނަށް ފަސޭހައިން ވާސިލުވެވޭ އިތުބާރު އޮތް ތަނަކަށް ވެސް ވާންޖެ އެވެ. ސަރުކާރާއި އާންމުން ވެސް ބުނަނީ ކޯޓްތަކައި މެދު ޔަގީންކަން ގެއްލިފައިވާ ކަމަށެވެ. ފުލުހުން ހާޒިރު ކުރާ މީހުންގެ މުއްދަތު ޖެހުމުގައި އާއި ކޯޓް އަމުރު އިޝޫކޮށް ދިނުމުގައި އެކި ފަނޑިޔާރުން އެކި ގޮތްގޮތަށް އަމަލުކުރަމުން ގެންދިއުމާއި ކުރިން ހުށައެޅިފައިވާ މައްސަލަތައް ޕާކްވެ ފަހުން ހުށައެޅޭ މައްސަލަ ބަލާކަމުގެ ޝަކުވާފުނި ދުވަހަކު ވެސް ކުޑައެއް ނުވެއެވެ. ހުކުމް ކުރުމުގައި ބޭއިންސާފުވާ ކަމަށް ބުނެ އިނގިލި ދިއްކުރެ އެވެ.

ސުއޫދު ވިދާޅުވި ގޮތުގައި ޖިނާއި އިޖުރާއަތުގެ ގާނޫނު މަޖިލިހުން ފާސްކޮށްފައި އޮތް ނަމަ މިހާރު ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރެއިން ނުކުމެފައިވާ މައްސަލަތަށް ގޮސްފައިވާ ހިސާބަށް ނުގޮސް ހައްލު ކުރެވޭނެ އެވެ. މައްސަލަތައް ލަސްވެ ފުނިޖެހޭ މައްސަލަ ވެސް އޮންނާނީ ހަލުވެފަ އެވެ.

މައްސަލައެއް ތިން އަހަރަށް ވުރެ ގިނަ ދުވަސްވަން ދެން ނުބޭއްވޭނެ ކަމަށް ކަނޑައަޅާފައި އޮވެ އެވެ. އެއީ ފުރަތަމަ މައްސަލައިގެ ޕްލިރިމިނަރީ އަޑުއެހުމެއް ބޭއްވުމަށް ފަހު މައްސަލަ ވަކި ދުވަސްތަކަށް ތާވަލުކޮށްގެން އުސޫލުތަކާ އެކު ކުރިއަށް ގެންދާ އުސޫލެވެ. އެ އުސޫލުގެ ސަބަބުން ފަނޑިޔާރުންނަށް މައްސަލައިގެ މަތީގައި އިށީދެވަޑައިގެން ތިއްބަވަން ފުރުސަތެއް ނޯވެ އެވެ.

"އިންޑެފިނިޓް ކޮށް މައްސަލަ ބާއްވައިގެން މައްސަލަ މަތީގައި ފަނޑިޔާރުން އިށީދެވަޑައިގެން ނީއްނެވޭނެ. ގާނޫނު ފާސްކުރެވިފައި އޮތްނަމަ އަޅުގަނޑުމެން ޝަކުވާ ކުރާކަށް ނުޖެހޭނެ [ކުރީގެ ރައީސް މައުމޫންގެ ކޮއްކޯފުޅު] އަލްގީންގެ މައްސަލަ ނުނިމިގެން އުޅޭނީ ކީއްވެގެންކަން ރެޑްވޭވް [އަހުމަދު] ސަލީމުގެ މައްސަލަ ނުނިމިގެން އުޅޭނީ ކީއްވެގެންކަން [ކުރީގެ މިނިސްޓަރު] އަބްދުﷲ ހަމީދުގެ މައްސަލަ ނުނިމިގެން މިއުޅެނީ ކީއްވެގެންކަން، އެ ގާނުނޫ ފާސްވެފައި އޮތްނަމަ އެ މައްސަލަތައް ނުބޭއްވިގެން އުޅޭނީ ކީއްވެތޯ ސުވާލު ކުރާކަށް ނުޖެހޭނެ،" ސުއޫދު ވިދާޅުވި އެވެ.

ނަމަވެސް ފުންނާބު އުސް އެހެން ގާނޫނީ ވަކީލަކު ވިދާޅުވީ ޖިނާއީ އިޖުރާތުގެ ގާނޫނާކީ މިހާރު ކުރިމަތިވެގެން އުޅޭ ހުރިހާ މައްސަލައިގެ ތަޅުދަނޑި ނޫން ކަމަށެވެ. އެކަމުން ވެސް މައްސަލަތަކެއް ހައްލުވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރީގެ ލީގަލް ރިފޯމް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ފާސްކުރެވިފައި އޮތް ނަމަ ޝަރުއީ ދާއިރާގެ ވަރަށް ބޮޑުތަން ރަނގަޅުވާނެ ކަމަށާއި ގާނޫނު އަސާސީގެ ތެރެއިން އުފަން ވެފައި ހުރި އާ މަހުފޫމްތަކާއި އާ އުސޫލްތަކަށް ބާރުލިބިދޭ ތަފްސީލްތައް ހުންނާނީ އެ ބިލްގެތެރޭގައި ކަމަށެވެ. އެބިލް ފުރިހަމަވެ އަވަހަށް ގާނޫނަކަށް ވީނަމަ ވަރަށް ބޮޑު ޔަގީންކަމެއް ލިބި ސިސްޓަމް ހިގާނީ އެތަރުތީބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ޖިނާއީ އިޖުރާއަތުގެ ބިލަކީ ގާނޫނު އަސާސީ ފުރިހަމަވެގެން އަންނައިރު އިސްކަންދޭ ތަރުތީބު ކަނޑައެޅުމުގައި މުހިންމު އެއް ބިލެވެ. އާ ގާނޫނު އަސާސީ އާ ގުޅިގެން އިސްކަން ދެވޭ ބިލްތަކަށް ފޯކަސްކުރުމުގެ ނިޒާމެއް ނެތުމަކީ އެފަދަ ބިލްތަށް ލަސްވެގެން ދިއުމުގެ މައިގަނަޑު މައްސަލަ އެވެ.

"ނިޒާމު ފުރިހަމަވުމަށް އުސޫލުތައް ގާއިމުކުރަން ވަރަށް ބޮޑު ބާރަކަށްވާނެ ޖިނާއި އިޖުރާއަތުގެ ބިލް ގާނޫނަކަށްވެގެން އައުމުން. މިހާތަނަށް ވެސް ގަބޫލު ކުރެވޭ އުސޫލުތަކެއް އެބަހުރި އެ އުސޫލުތައް މިހާރުގެ ގާނޫނު އަސާސީގައި އެއްގޮތަށް ފައްކާވެ ފުރިހަމަވާނީ ޖިނާއި އިޖުރާތު ބިލް ނިމި ޖިނާއި ތުހުމަތެއް ކުރެވޭ ހިނދު ތުހުމަތުތައް ކުރެވޭ އުސޫލްތަކާއި ދައުވާ ކުރެވޭ އިރު އަމަލުކުރެވޭ އުސޫލުތަކާއި ޝަރީއަތެއް ހިނގާއިރު އަމަލުކުރެވެ އުސޫލުތަކަށް ތަފްސީލްކޮށް އަލިއަޅުވާލެވޭ ބިލު ނިމުމުން،" ނަޝީދު ވިދާޅުވިއެވެ.

ޝަރުއީ ދާއިރާގެ މައްސަލަތައް ފެންމަތިކޮށް ޝަރުއީ ދާއިރާގެ ތެރެއަށް ސަރުރުކާރުން ނުފޫޒް ފޯރުވާކަމަށް އިދިކޮޅުފަރާތްތަކުން ބުނާ ބުނުމަށް ބާރު ލިބެނީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ސިފައިންގެ ބެލުމުގެ ދަށަށް ގެންދިއަ ހިސާބެވެ.

ސުއޫދު ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނުނޫ ފާސްވެފައި އޮތް ނަމަ ސަރުކާރުން ބަހަނާ ދެއްކުމަށް ފަހު މިވެނި ގޮތަކަށް މިވެނި ފަނޑިޔާރުން މައްސަލަ ނިންމަނީއޭ ބުނުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ. އެހެން ނަމަ ކޯޓުތަކުގެ ފަނޑިޔާރުން މަސައްކަތްކުރާނީ އެ ގާނުނޫގައި ބުނެފައިވާ ގޮތަށް ކަމަށެވެ.

މިހާރު ޝަރުއީ ދައިރައަށް ކުރިމަތިވެފައިވާ ގާނޫނުގެ ހުސްކަމުގެ މައްސަލާގައި މަޖިލިހުގެ ޒިންމާ އޮތްކަން އެނގޭ އިރު މައްސަލަ ހައްލު ކުރެވެނެ ގޮތަތަކީ ވެސް މަޖިލީހުން އެމަސައްކަތް ކޮށްދިނުމެވެ.