އެންޓިކޮރަޕްޝަން ކޮމިޝަނަށް، އެމްޑީޕީން ސިޔާސީ ނުފޫޒު ފޯރުވައިގެން މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ އިންތިހާބީ ހައްގަށް އަރައިގަނެ އެންޓި ކެމްޕެއިން ކުރާ ކަމަށް ބުނެ، ޕީޕީއެމް އިން އެކަން ކުށްވެރިކޮށްފި އެވެ.

ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވާ ތާރީހު ކުޑަތަންވެފައިވަނިކޮށް، އެ ޕާޓީގެ ނާއިބު ރައީސް، ޑރ. މުއިއްޒުގެ މައްޗަށް ތަފާތު މައްސަލަތައް ފެންމަތިކޮށް، އޭސީސީ އާއި އެހެން މުއައްސަސާތަކަށް ހާޒިރުކުރަނީ ސަރުކާރާއި ސަރުކާރު ނިސްބަތްވާ ޕާޓީގެ ސިޔާސީ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ކަމަށެވެ.

"މިއީ ކަނޑައެޅިގެން އިންތިހާބަށް ނުފޫޒު ފޯރުވާ މިކޯލިޝަނާއި މިކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުއިއްޒުގެ އިންތިހާބީ ހައްގުތަކަށް އަރައިގަތުމުގެ ގޮތުން ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގައި އޮތް އެމްޑީޕީގެ މެޖޯރިޓީގެ ބޭނުންކޮށްގެން، ރާވައިގެން ހިންގަމުން ގެންދާ ސިޔާސީ ކަންތައްތަކެއް ކަމުގައި މި ކޯލިޝަން ދެކެމެވެ." ޕީޕީއެމް އިން ބުންޏެވެ.

އެ ޕާޓީން ބުނީ ޑރ. މުއިއްޒުގެ މައްސަލައެއް އޮތް ކަމަށް ބުނެ ވާހަކަ ދައްކަމުން ގެންދާތާ އެތައް އަހަރެއްވީ އިރުވެސް އެމައްސަލަތައް ބަލާ ހާޒިރުކޮށް ހަދާފައި ނުވާކަމަށެވެ.

ނަމަވެސް އިންތިހާބަށް ދެ ހަފްތާއަށް ވުރެ ގާތްވުމުން، މައުލޫމާތު ސާފުކުރަން ކަމަށް ބުނެ ނުވަތަ ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އިރު އިރު ކޮޅާ ދައުލަތުގެ މުއައްސަސާ ތަކަށާއި އޭސީސީ އަށް ޑރ. މުއިއްޒު ހާޒިރު ކުރަމުން ގެންދާ ގެންދިއުމުން ދޭހަވަނީ ސަރުކާރަށާއި އެމްޑީޕީއަށް ރައްޔިތުންގެ ތާއީދު ގެއްލި މާލޭ ސިޓީ މޭޔަރުގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބު ނުކުރެވޭނެ ކަން ކަށަވަރުވެ، ސަރުކާރާއި އެމްޑީޕީ ޕްރެޝަރަށް ވެއްޓިފައިވާ މިންވަރު ކަމަށް ޕީޕީއެމް އިން ބުންޏެވެ.

އެހެންކަމުން، އިދިކޮޅު ކޯލިޝަނުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް އިންތިހާބީ ހައްގަށް އަރައިގަނެ، ކުރަމުން ގެންދާ އެންޓި ކެމްޕެއިންގެ އަމަލުތައް މިހާރުން މިހާރަށް ހުއްޓާލުމަށް ޕީޕީއެމް އިން ވަނީ ގޮވާލައިފަ އެވެ. އަދި ކަމާބެހޭ މުއައްސަސާތަކުން އެމައްސަލަތައް ބަލައި ފިޔަވަޅު އެޅުއްވުމަށްވެސް ގޮވާލާފައިވެ އެވެ.