30 Mar 2021, 11:01
ރެވެނިއު ސްޓޭމް ޖެހުން ހުއްޓާލުމަށްޓަކައި އެކަމަށް ހާއްސަކޮށްފައިވާ ގާނޫނު އުވާލުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ނަވާރަސަތޭކަހަތްދިހަ ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އައި، "އެކި އެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު" އުވާލުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ، އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާ މެމްބަރު އަލީ އާޒިމް އެވެ.
މިމަހު 24 ވަނަ ދުވަހު އާޒިމް ހުށަހެޅުއްވި އެ ބިލުގެ ފުރަތަމަ ކިޔުން، އިއްޔެ ބޭއްވި މަޖިލިސް ޖަލްސާގައި ވަނީ އިއްވާފައެވެ.
ބިލު ހުށަހެޅި ސަބަބުގެ ގޮތުގައި ބުނެފައިވަނީ، އެ ގާނޫނަކީ ވަރަށް ދުވަސްވެފައިވާ ގާނޫނެއް ކަމަށާއި އެ ގާނޫނުގެ ސަށޫން ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށްތަކައި ހިނގާ ހަރަދާ އަޅާބަލާއިރު ލިބޭ އާންމުދަނީއަކީ އެކަށީގެންވާ އާންމުދަނީއެއް ނޫން ކަމަށެވެ. އަދި އެއީ އާންމު ވިޔަފާރިތަކަށްވެސް ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިލާން ޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.
އެގޮތުން ރާއްޖޭގައި ވިޔަފާރިކުރުމަށް އޮތް ފުރުސަތުތައް ލުއިފަސޭހަކޮށްދިނުމަށްޓަކައި، ރެވެނި ސްޓޭމް ޖެހުމުގެ ނިޒާމް އުވާލުމުގެ މަގްސަދުގައި ބިލު ހުށަހެޅި ކަމަށް އާޒިމްގެ ބިލުގައިވެއެވެ.
އާޒިމް ހުށަހެޅުއްވި ރެވެނިއު ސްޓޭމް ޖެހުމުގެ ގާނޫނު އުވާލުމުގެ ބިލަށް އަމަލު ކުރަނީ، އެ ބިލު މަޖިލީހުން ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.