30 Mar 2021, 10:47
އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނާ ހިލާފުވުމުގެ ސަބަބުން ޖޫރިމަނާ ކޮށްފައިވާ ފަރާތްތަކަށް ލުއި ހޯދައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.
އެމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އެވެ.
މައްސަލަ ހުށަހަޅުއްވަމުން ހަސަން ލަތީފު ވިދާޅުވީ ލައިސަންސް ޖޫރިމަނާގެ ސަބަބުން ގިނަ ޒުވާނުންތަކެއް ތިބީ ތަޅުލެވިފައި ކަމަށެވެ. އެހެންވެ ޒުވާނުންނަށް އެމީހުން އެޅުވިފައި ތިބި ތަޅުން ނައްޓުވާލަ ދިނުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށް ދެކޭ ކަމަށެވެ.
"ބައެއް ފަހަރު އެގޮތަށް އެ ދައްކަން ޖެހޭ ޖޫރިމަނާ ދައްކަން ޖެހި ނުދެއްކުމުގެ ސަބަބުން މުޅި ހަޔާތް އެކުގައި އެ ކުދިން އެ ޒުވާނުން އެ ވޭތު ކުރަމުން ދަނީ އެމީހުން ދައްކަން ޖެހޭ ޖޫރިމަނާ ދެއްކުމަށް ފައިސާ ހޯދުމަށް." ހަސަން ލަތީފު ވިދާޅުވި އެވެ.
ލައިސަންސް ޖޫރިމަނާ ދެއްކުމަށް ލިބޭހާ ފައިސާއެއް ހަރަދު ކުރަން ޖެހުމަކީ އެ ޒުވާނުންގެ ދިރިއުޅުން އާރާސްތުވެގެން ދާނެ ކަމެއް ނޫން ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ. އަދި އެފަދަ ޖޫރިމަނާތައް ބޮޑެތި އަދަދުން ދައްކަން ޖެހުމަކީ ކުށުގެ ވެއްޓަށް ޒުވާނުން ހުށަހެޅޭ ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ބޮޑެތި ވިޔަފާރުވެރިންނާއި މަހުޖަނުން އެކި ސަބަބުތަކާއި ހެދި މިލިއަނުން އަރާފައި ހުރި ޖޫރިމަނާތައް މާ ބޮޑު ކަމަކާ ނުލާ މާފުވެގެން ދާތަން ފެންނަ ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ.
"އެ ޖޫރިމަނާތައް އެހެން މާފުވެގެން ދާއިރު މި ޒުވާނުންނަށް ޖޫރިމަނާ ދައްކަން ޖެހުމަކީ އެއީ އިންސާފުރި ގޮތެއް ކަމަށް އަޅުގަނޑު ނުދެކެން." ހަސަން ލަތީފު ވިދާޅުވި އެވެ.
ހަސަން ލަތީފު ހުށަހެޅުއްވީ ލައިސަންސް ޖޫރިމަނާގެ ބަދަލުގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ހިލާފުވުމުން އިޖުތިމާއީ ހިދުމަތެއް ކުރަން ޖެހޭ ގޮތަށް ހެދުމަށެވެ. އަދި އެ މަސައްކަތްކޮށްގެން ލިބޭ ފައިސާ އިން ޖޫރިމަނާ ދެއްކޭނެ ގޮތް ހަދައި ދިނުމަށް އޭނާ އެދިވަޑައިގަތެވެ. މިހާރު ވެސް ގާނޫނުގައި އެގޮތަށް އަމަލުކުރުމަށް އޮންނައިރު އަދި އެގޮތަށް އަމަލުކޮށްފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ލައިސަންސް ޖޫރިމަނާ ދެއްކުމަށް ކޮމިއުނިޓީ ސާވިސް ހިދުމަތް ދޭން ޒުވާނުންނަށް ޖެހޭއިރު މުއްސަނދިންގެ ޖޫރިމަނާ ވެސް ކޮމިއުނިޓީ ސާވިސް ދީގެން ދައްކަން ޖެހޭ ގޮތަށް ހެދުމަށް ހަސަން ލަތީފު އެދިވަޑައިގަތެވެ.
"އެއީ މާފުވާ އެއްޗެއް ގޮތުގައި އޮތުމަކީއެއް މިކަހަލަ ގައުމަކަށް އާމްދަނީ މަދު ގައުމަކަށް އެއީކީ ކުޅަދާނަ ކަމެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. މިދަންނަވާ ވާހަކައަކީ އެތައް މިލިއަން ޑޮލަރުގެ ޖޫރިމަނާތައް މާފުކޮށްދޭ ކަމުގެ ވާހަކަ." ހަސަން ލަތީފު ވިދާޅުވި އެވެ.
ޖޫރިމަނާގެ ސަބަބުން ލައިސަންސް ނުލިބި ތިބި ފަރާތްތަކަށް ލައިސަންސް ލިބޭނޭ ގޮތް ހަމަޖައްސައި ދިނުމަށް ވެސް ހަސަން ލަތީފު ވަނީ އެދިވަޑައިގެންފަ އެވެ.
މީގެ ކުރިން ރައީސް އަބްދުﷲ ޔާމީން އަބްދުދުލްގައްޔޫމުގެ ވެރިކަމުގައި ވެސް ލައިސަންސް ޖޫރިމަނާ ކުރި ފަރާތްތަކުގެ ބޮޑެތި ޖޫރިމަނާތަކެއް ވަނީ އެކީ އެއްފަހަރާ މާފުކޮށްދީފަ އެވެ.