06 Feb 2012, 08:46
ލަންޑަން (ފެބްރުއަރީ 6): އާޖެންޓީނާ އާއި އިނގިރޭސިވިލާތާ ދެމެދު މިލްކުވެރިކަމާއި ސިޔާދަތުގެ މައްސަލަ ޖެހިފައިވާ ފޯކްލޭންޑް (މަލްވީނާސް) ޖަޒީރާތަކުގެ ސަރަޙައްދަށް ނިއުކްލިޔަ ސަބްމެރިން އެއް ފޮނުވުމަށް އިނގިރޭސި ސަރުކާރުން ނިންމައިފި އެވެ.
މީޑިޔާ ރިޕޯޓްތައް ބުނާގޮތުން އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން ވަނީ އިނގިރޭސިވިލާތުގައި އުފައްދާ އެންމެ މޮޅު ސަބްމެރިން ކަމަށްވާ ޓްރަފަލްގާ މަރުކާގެ ނިއުކްލިޔަރ ސަބްމެރިންއެއް މަލްވީނާސް ޖަޒީރާތަކަށް ފޮނުވުމަށް ރޮޔަލް އާރމީ ކޮމާންޑަރަށް އަމުރުކުރައްވާފައެވެ. އިނގިރޭސި ދިފާޢީ ވުޒާރާއިންވަނީ މިޚަބަރަށް ކޮމެންޓް ނުކުރާނެކަމަށް ބުނެފައެވެ.
މަލްވީނާސް ޖަޒީރާތަކަށް ނިއުކްލިޔަރ ސަބްމެރިންއެއް ފޮނުމަށް އިނގިރޭސި ސަރުކާރުން ނިންމީ އެޖަޒީރާތަކުގެ މިލްކުވެރިކަމުގެ މައްސަލާގައި އާރޖެންޓީނާއާއި އިނގިރޭސިވިލާތާ ދެމެދު ބަހުގެ ޙަމަލާތަކެއް ބަދަލުކުރެވެމުންދާ ދުވަސްވަރެއްގައެވެ. އާރޖެންޓީނާގެ ޚާރިޖިއްޔާއިން އިނގިރޭސީންގެ މިޢަސްކަރީ ފިޔަވަޅު އިއްޔެ ސިފަކުރީ ބިރުދެއްކުމުގެ އިސްތިޢްމާރީ އަމަލެއްގެ ގޮތުގައެވެ.
އިނގިރޭސި ވަލީއުލްއަހްދު ޕްރިންސް ޗާލްސްގެ ދަރިކަލުން ޕްރިންސް ވިލިޔަމް ޢަސްކަރީ ޔުނީފޯމްގައި މިދިޔަ ބުރާސްފަތި ދުވަހުވަނީ މަލްވީނާސް އަށް ވަޑައިގެންފައެވެ. މިއީ 6 ހަފްތާގެ ޢަސްކަރީ ތަމްރީންތަކެއް ހެއްދެވުމަށް ވިލިޔަމް ކުރެއްވި ދަތުރެއް ކަމަށް އިނގިރޭސި ދިފާއީ ވުޒަރާއިން ބުނިނަމަވެސް އާރޖެންޓީނާގެ ޚާރިޖިއްޔާއިން ވިލިޔަމްގެ ދަތުރު ސިފަކުރީ އެޤައުމަށް ޖެއްސުން ކުރުމާއި ބިރުދެއްކުމުގެ ޢަމަލެއްގެ ގޮތުގައެވެ.
މަލްވީނާސްއަކީ އާރޖެންޓީނާގެ އިރު ދެކުނުން 250 މޭލު ދުުރުގައިވާ ސައުތް އެޓްލާންޓިކްގެ ޖަޒީރާ ތަކެކެވެ. އިނގިރޭސި އިސްތިޢްމާރީ ބާރުތަކުން މިޖަޒީރާތަކަށް ވެރިވެގެންފައިވަނީ މީގެ 180 އަހަރު ކުރިންކަމަށާއި އެއީއާރޖެންޓީނާގެ ރައްތަކެއް ކަމަށް އެޤައުމުން ބުނެއެވެ.
އިނގިރޭސި އަޅުވެތިކަމުން މަލްވީނާސް މިނިވަން ކުރުމަށް 1982 ވަނަ އަހަރު އާރޖެންޓީނާއިން ކުރި މަސައްކަތް އިނގިރޭސިވިލާތުންވަނީ ހަނގުރާމަކޮށް ބާރުގެ ބޭނުންކޮށްގެން ނާކާމިޔާބުކޮށްލުމަށްފަހު އަލުން އެރަށް ހިފާފައެވެ. ފޯކްލޭންޑް ހަނގުރާމައިގެ ނަމުން މަޝްހޫރުވެފައިވާ މިހަނގުރާމައިގާ އާރޖެންޓީނާގެ ސިފައިން މަލްވީނާސް ޖަޒީރާތަކުން ބޭރުކޮށް އެރަށް އިނގިރޭސީން އަލުންހިފީ 74 ދުވަހުގެ ހަނގުރާމައަކަށްފަހުގައެވެ. -- އަލްޢާލަމް