29 Mar 2021, 21:43
މިއަދު ކުރި ވިއްސާރައިގައި އައްޑޫ ސިޓީއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދު ސޯދިގު (ސޯބެ) "ސަން" އަށް ވިދާޅުވީ ވިއްސާރައިގައި އެ ސިޓީގެ ގިނަ އަވަށްތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.
އެގޮތުން ހިތަދޫގެ 14 ގެއެއްގެ ފުރާޅު އެއްލާލާފައިވާ ކަމަށާއި ފޭދޫގެ ހަތަރު ގެއެއްގެ ފުރާޅު އެއްލައިލި ކަމަށެވެ. އޭގެ އިތުރުން ފޭދޫގެ 15 ގެއަަކަށް އެކިވަރުގެ ގެއްލުން ލިބުނު ކަމަށް މޭޔަރު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ މީގެކުރިން ވިއްސާރައިގައި އެންމެ ބޮޑަށް ފެންބޮޑުވެ، ގެއްލުންވަނީ ފޭދޫއަށް ކަމަށެވެ، ނަމަވެސް އެ އަވަށުގެ ފެން ހިންދާ ނިޒާމު ގާއިމުވެފައި ވުމުގެ ސަބަބުން މިފަހަރު ފޭދޫގެ ގެތަކަށް ފެން ވަދެ ގެއްލުން ލިބިފައި ނުވާ ކަމަށެވެ.

އައްޑޫ ސިޓީއަށް ކުރި ވިއްސާރައިގައި ގިނަ ގެތަކެއްގެ ފުރާޅު ވަނީ އެއްލާލާފައި --- ފޮޓޯ/ އައްޑޫ ސިޓީ ކައުނސިލް
އެހެން ނަމަވެސް މީދޫގެ 37 ގެއަކަށް ފެން ވަދެފައިވާ ކަމަށާއި، 28 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށެވެ. އެ އަވަށުގެ ހަތަރު ގެއެއްގެ ފުރާޅު އެއްލައިލި އިރު ދެ ގެއެއްގެ ފާރު ވެއްޓުނެވެ.
މީދޫގެ އިތުރުން މަރަދޫފޭދޫގެ 37 ގެއަކަށް ވެސް ފެން ވަދެ ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. މަރަދޫގެ 17 ގެއަކަށް ފެން ވަދެ ގެއްލުން ލިބުނު އިރު އަށް ގެއެއްގެ ފުރާޅު އެއްލައިލި ކަމަށް ސޯބެ ވިދާޅުވި އެވެ.
ވިއްސާރައިގައި ހުޅުދޫއިން ގެއްލުން ލިބިފައި ވަނީ އެންމެ ގެއަކަށެވެ. އެ ގޭގެ ފުރާޅު އެއްލައިއިރު، ހައްދާފައި ހުރި ގަސްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް ސޯބެ ވިދާޅުވި އެވެ.

އައްޑޫ ސިޓީއަށް ކުރި ވިއްސާރައިގައި ގިނަ ގެތަކެއްގެ ފުރާޅު ވަނީ އެއްލާލާފައި --- ފޮޓޯ/ އައްޑޫ ސިޓީ ކައުނސިލް
ސޯބެ ވިދާޅުވީ މިހާރު އެންމެ ގެއެއް ފިޔަވައި އެހެން ހުރިހާ ގެއްގެ ފުރާޅު މަރާމާތުކޮށް ނިމިފައިވާ ކަމަށެވެ. މަސައްކަތް ނުނިމި ހުރި ގޭގެ ފުރާޅު އެއްލައިލުމުގެ ސަބަބުން، ގޭގައި ހިފާ ގެންގުޅޭ ހުރިހާ ސާމާނަކާއި ބެޑްރޫމް ސެޓުތަކާ ހުރިހާ އެއްޗެއް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށާއި އެހެންކަމުން އެގޭގެ މީހުން ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ސޯބެ ވިދާޅުވީ ވިއްސާރައިގައި ހިތަދޫގެ އެންމެ ބޮޑު އެއް ފިހާރައިގެ ފުރާޅު އެއްލާލުމުގެ ސަބަބުން އެ ފިހާރައިގެ ހުރިހާ އެއްޗެއް ހަލާކުވެފައިވާ ކަމަށެވެ. ރޯދައާ ދިމާކޮށް ފަރުނީޗަރާއި އިލެކްޓްރިކް ސާމާނު ވެސް ގެނައި ފަހުން ދިމާވި ހާދިސާގައި އެ ފިހާރައަށް ލިބުނު މިލިއަނަކަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ފިހާރައިގެ ވެރިފަރާތާ ހަވާލާދީ ސޯބެ ވިދާޅުވި އެވެ.

އައްޑޫ ސިޓީއަށް ކުރި ވިއްސާރައިގައި ގިނަ ގެތަކެއްގެ ފުރާޅު ވަނީ އެއްލާލާފައި --- ފޮޓޯ/ އައްޑޫ ސިޓީ ކައުނސިލް
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މިހާރު އައްޑޫ ސިޓީއަށް ނެރުނު ޔެލޯ އެލާޓު، ވައިޓް އެލާޓަކަށް ބަދަލުކޮށްފައިވާނެ ކަމަށެވެ. މެޓްގެ އޮފިޝަލަކު ވިދާޅުވީ ކުރިއަށް އިތް 24 ގަޑިއިރަށް ބަލާއިރު، އައްޑޫއަށް ކޮންމެސް ވަރަކަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެހެން ނަމަވެސް މިއަދު ވެހުނު ވަރަށް ވާރޭ ވެހޭނެކަމަށް ލަފާނުކުރެވޭ ކަމަށެވެ.
އެހެން ނަމަވެސް ވައިގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.