29 Mar 2021, 20:46
ކ. ހުރާއިން މިއަދު ވެސް އިތުރު 24 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެއާއެކު އެރަށުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 90 އަށް އަރައިފަ އެވެ. ހުރާ ކައުންސިލުން ބުނީ މިއަދު ޕޮޒިޓިވްވި ކޭސްތަކުގެ ތެރޭފައި ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކު ހިމެނޭ ކަމަށް ހުރާ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވި އެވެ.
މިއަދު އެރަށުން ޕޮޒިޓިވްވި 24 މީހުންގެ ތެރޭގައި އެއް އަހަރުގެ ކުއްޖެއް ވެސް ހިމެނެ އެވެ. އަދި ސްކޫލަށްދާ އުމުރުގެ ކުދިންނާއި 50 އަހަރުން މަތީގެ މީހުން ވެސް ހިމެނެ އެވެ.
ހުރާ ކައުންސިލްގެ އޮފިޝަލް ވިދާޅުވީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި 65 އަހަރުން މަތީގެ މީހަކު ނުހިމެނޭ ކަމަށެވެ.
ރަށުގެ ހާލަތު ދެނެގަތުމަށް ރެންޑަމް ސާމްޕަލްތައް ނަގަމުން އަންނަކަން އޮފިޝަލް ފާހަގަކުރެއްވި އެވެ.
އެރަށުން މިހާތަނަށް 449 ސާމްޕަލް އެއް ނަގާފައިވާއިރު، 289 ސާމްޕަލް ވަނީ ވައިރަހަށް ނެގެޓިވްވެފަ އެވެ. ނަތީޖާ ނުލިބެނީ 70 ސާމްޕަލްގެ އެވެ.
މި މަހުގެ 23 ވަނަ ދުވަހުގެ ރޭ ހުރާ މޮނީޓަރިން ހާލަތަށް ގެންދިޔައީ އެރަށުން ބަލިވެގެން މާލެއަށް ގެންދިޔަ އުމުރުން ދުވަސްވީ މީހަކު ވައިރަހަށް ޕޮޒިޓިވްވެގެންނެވެ.
ހުރާގެ އިތުރުން އެއަތޮޅު ދިއްފުށިން ވެސް މިއަދު ވަނީ އިތުރު ކޭސްތަކެއް ފެނިފަ އެވެ. މިއަދު ފެނުނު 17 ކޭސް އާއެކު، އެރަށުން ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 47 އަށް އަރައިފަ އެވެ. ދިއްފުށިން ފެނިފައި ވަނީ އުނގޫފާރު ކްލަސްޓާގެ ކޭސްތަކެކެވެ.