މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން އަމަލުކުރަމުން އަންނަ ފުލުހުންގެ އާ ގާނޫނަކީ، ދިވެހި ފުލުހުންގެ ހިދުމަތް، މަދަނީ ހިދުމަތެއްގެ ގޮތުގައި ވަކި މުއައްސަސާއަކަށް ބަދަލުވިފަހުން ފުލުހުންގެ ތަރައްގީއަށް މިހާތަނަށް އެޅުނު އެންމެ ހަރުދަނާ ފިޔަވަޅު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ 88 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ތަހުނިޔާގެ ހިތޯބުގަ އެވެ.

ދިވެހި ފުލުހުންގެ 88 ވަނަ އަހަރީ ދުވަސް ބައްދަލުކުރީ، އަލަށް އެކުލަވައިލި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލުކުރަން ފެށި ތާރީހީ މުނާސަބަތާވެސް ދާދި އެކުއެކީގައިކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ފުލުހުންގެ އާ ގާނޫނުގެ ސަބަބުން، ޕްރޮފެޝަނަލް މުއައްސަސާއެއްގެ ގޮތުގައި، ދިވެހި ފުލުހުންގެ ހިދުމަތް ކުރިއަރުވައި ތަރައްގީކުރުމަށް މަގުފަހިވެގެންދާނެކަމުގައި ޔަގީންކުރައްވާ ކަމަށެވެ. އަދި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ހައްގުތަކާއި، އިންސާނީ ކަރާމާތަށް އިހްތިރާމުކުރުމާއެކު، ގާނޫނުގެ ވެރިކަމުގެ ތެރެއިން ދެވޭ ހިދުމަތަކަށް، ދިވެހި ފުލުހުންގެ ހިދުމަތް ވެގެންދާނެ ކަމަށެވެ.

"ދިވެހި ސިފައިންނާ އެކުގައި ކުރިން އޮތް ދިވެހި ފުލުހުންގެ ހިދުމަތް، މަދަނީ ހިދުމަތެއްގެ ގޮތުގައި މުޅިން ވަކި މުއައްސަސާއަކަށް ބަދަލުވުމަށްފަހު، މިވީ 17 އަހަރުގެ ތެރޭގައި، ފުލުހުންގެ ކުރިއެރުމާއި ތަރައްގީއަށް މިހާތަނަށް އެޅުނު އެންމެ ހަރުދަނާ ފިޔަވަޅެއް ކަމުގައި އަޅުގަނޑު ދެކެނީ، ފުލުހުންގެ ގާނޫނީ އޮނިގަނޑަށް މިގެނެވުނު މުހިންމު ބަދަލެވެ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ބަދަލުގެ އެންމެ މުހިންމު ބޭނުމަކީ، މިނިވަން ޒިންމާދާރު މުއައްސަސާއެއްގެ ގޮތުގައި، ފުލުހުންގެ ހިދުމަތް ތަރައްގީކޮށް، ފުލުހުންނަށް ބޭނުންވާ ގާނޫނީ ރައްކާތެރިކަމާއި، ގާނޫނީ ބާރާއި، ގާނޫނީ ހައިސިއްޔަތު، ފުލުހުންގެ މުއައްސަސާއަށާއި މުވައްޒަފުންނަށް ލިބިދިނުން ކަމަށެވެ.

ފުލުހުންގެ ގާނޫނަށް ގެނައި ބަދަލާއެކު ފުލުހުންގެ ހިދުމަތް މިހާރަށްވުރެ ބޮޑަށް ލާމަރުކަޒު ކުރެވި، ކޮމިޔުނިޓީ ޕޮލިސިންގެ އުސޫލުން، ރަށްރަށުގެ ރައްޔިތުންނާއި، ކައުންސިލްތަކާއި، މަދަނީ ޖަމިއްޔާތަކާ ގުޅިގެން ދެވޭ ހިދުމަތެއްގެ ގޮތުގައި ބައްޓަންވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެގޮތުނ އަތޮޅުތަކަށް ނިސްބަތްވާ ވަކިވަކި ފުލުހުންނަށްވެސް، އެމީހުންގެ އަތޮޅާއި ރަށުގައި ތިބެގެން، އާއިލާއާ ގާތުގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމާށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އުންމީދަކީ، މި މުހިންމު ބަދަލުތަކުގެ ސަބަބުން، ރައްޔިތުންނާ ގާތުން ހިދުމަތް ދެވި، ރައްޔިތުންގެ ހިތްތަކުގައި ދިވެހި ފުލުހުންގެ ހިދުމަތާމެދު އިތުބާރާއި ޔަގީންކަން އިތުރުވެގެންދިޔުމެވެ."

ރައީސް ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތަށް ނުކުންނަ ޒުވާނުންނަކީ، ތައުލީމީ ގޮތުންނާއި ހުނަރުވެރިކަމުގެ ގޮތުން ގާބިލު ބަޔަކަށް ހެދުމަށް، ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް، މިހާރަށްވުރެ ފުޅާވެގެންދާނެ ކަމަށެވެ. އަދި ދިވެހި ފުލުހުންނާއި ފުލުހުންގެ އާއިލާތަކުގެ ވެލްފެއާގެ ކަންތައްވެސް، މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި، އަދި މިހާރަށްވުރެ އިތުބާރު ހުރި ގޮތެއްގައި ލިބެމުންދާނެ މަގުވެސް ސަރުކާރުން ފަހިކޮށްދޭނެ ކަމަށެވެ.