29 Mar 2021, 19:53
ގިނަ ރަށްތަކަކަށް ދަތުރުކޮށްފައިވާ ޅ. ނައިފަރު މަސް ދޯންޏަކުން ކޮވިޑް19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނި، ރަށު ފަޅުތެރޭގައި ދޯނި ކަރަންޓީނުކޮށްފި އެވެ.
ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޖައުފަރު އަބްދުﷲ "ސަން" އަށް ވިދާޅުވީ ކަރަންޓީނުކޮށްފައި ވަނީ "ލޭނާރު" ކިޔާ ދޯންޏެއް ކަމަށެވެ.
އެ ދޯނިން ތިން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެ ދޯނި ގިނަ ރަށްތަކަކަށް ދަތުރުކޮށްފައިވާ ކަމަށް ޖައުފަރު ވިދާޅުވި އެވެ. އެގޮތުން ހއ. ހޯރަފުށި، ހއ. އިހަވަންދޫ، ހއ. އުލިގަމު، ހދ. ނޭކުރެންދޫ، ނ. ވެލިދޫ، އަދި ޅ. ފެލިވަރަށް ދޯނި ދަތުރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖައުފަރު ވިދާޅުވީ އެ ދޯނިން ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެން، ދޯނި ދަތުރުކުރި ހުރިހާ ރަށަކަށް މިހާރު އެކަން އަންގާފައިވާނެ ކަމަށެވެ.
އެރަށުން މިއަދު 17 މީހަކު ޕޮޒިޓިވްވެ، ރަށުން ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 31 އަށް އަރައިފަ އެވެ. ނައިފަރުން އެންމެ ފުރަތަމަ ކޮވިޑް19 ގެ ކޭސްއެއް ފެނިފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު އެވެ. އެރަށުން ޕޮޒިޓިވްވީ ރ. އުނގޫފާރަށް ދަތުރުކޮށްފައިވާ މީހެކެވެ. އެއާއެކު ނައިފަރު ވަނީ މޮނިޓަރިންގ ހާލަތަށް ގެންގޮސްފަ އެވެ.