29 Mar 2021, 19:37
ޅ. ނައިފަރުން މިއަދު އިތުރު 17 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ، އެރަށުން ޕޮޒިޓިވްވީ މީހުންގެ ޖުމްލަ 31 އަށް އަރައިފި އެވެ.
ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޖައުފަރު އަބްދުﷲ "ސަން" އަށް ވިދާޅުވީ، މިހާރު ޕޮޒިޓިވްވެފައި ތިބި 31 މީހުންނަކީ ވެސް ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ދެނެގަނެވުނު މީހުން ކަމަށެވެ.
އޭގެ އިތުރުން އެރަށުގެ ތެރެއިން ރެންޑަމް ސާމްޕަލްގެ ގޮތުގައި 1022 ސާމްޕަލް އެއް ނަގާފައިވާ ކަމަށާއި އެ ސާމްޕަލްތަކުގެ ނަތީޖާ އަދި ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭގެ ނަތީޖާ އައީމަ އަޅުގަނޑުމެންނަށް އެނގޭނީ ރަށުގެ ހާލަތު އަންދާޒާކޮށްލަން ވެސް،" ޖައުފަރު ވިދާޅުވި އެވެ.
ޖައުފަރު ވިދާޅުވީ އެރަށުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހައި ރިސްކް ދެ މީހަކު ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭ 59 އަހަރުގެ އަންހެނަކަށް މިވަގުތު ފަރުވާ ދެމުން އަންނަނީ ބ. އަތޮޅު އޭދަފުށީގައި ހުންނަ ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެންނެވެ.
ނައިފަރުން އެންމެ ފުރަތަމަ ކޮވިޑް19 ގެ ކޭސްއެއް ފެނިފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު އެވެ. އެރަށުން ޕޮޒިޓިވްވީ ރ. އުނގޫފާރަށް ދަތުރުކޮށްފައިވާ މީހެކެވެ.
އުނގޫފާރުން އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސްއެއް ފެނުނީ މިމަހުގެ 19 ވަނަ ދުވަހު އެވެ. އުނގޫފާރު ކްލަސްޓާއާ ގުޅުންހުރި ގިނަ ކޭސްތަކެއް މެދުރާއްޖެތެރޭގެ ރަށްރަށުން ދަނީ ފެންނަމުންނެވެ. އަދި އެ އެރަށްރަށަށް އަރާފޭބުން ވަނީ މަނާކޮށްފަ އެވެ.