29 Mar 2021, 19:15
ދަރިވަރުންގެ ޝަކުވާތަކާ ކަންބޮޑުވުންތަކާ ގުޅިގެން، ގަދަ 10އަކަށް ދަރިވަރުން ހޮވުމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލާޝިޕް ދިނުމުގައި ހަމައެކަނި އޭޕްރީލް/މެއިގެ އިމްތިހާނުގެ ނަތީޖާއަަށް ބަލާގޮތަށް ނިންމި ނިންމުން ބާތިލްކޮށްފި އެވެ.
މިއަހަރުގެ އޭޕްރީލް/މެއިގައި ބާއްވާ އޭލެވެލް އަދި އޭއެސް ލެވެލް އިމްތިހާނުގައި ބައިވެރިވާން އެދިފައިވާ ދަރިވަރުން ބޭނުންވާނަމަ ފޯމު އަނބުރާ ނެގުމަށްފަހު މިއަހަރުގެ އޮކްޓޫބަރު/ނޮވެމްބަރުގައި އޮންނަ އޭލެވެލް އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު ރޭ ވަނީ ހުޅުވާލައިފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެގޮތަށް ފޯމު އަނބުރާ ނަގާ ކުދިންނަށް ސްކޫލުގެ ނަމުގައި އަލުން ބައިވެރިވެވޭނެ ކަމަށާއި އެހެން ނަމަވެސް ގަދަ 10އަކަށް ދަރިވަރުން ހޮވުމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަޝިޕް ދިނުމުގައި ބަލާނީ އޭޕްރީލް/މެއިގެ އިމްތިހާނުގެ ނަތީޖާއަަށް ކަމަށެވެ.
އެކަމާ ގުޅިގެން ގިނަ އަދަދެއްގެ ދަރިވަރުންނާއި ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިމްތިހާނުގެ ތާރީހަށް ގެނައި ބަދަލާއެކު ދަރިވަރުންގެ މެދުގައި ވަރަށް ބޮޑަށް ނުތަނަވަސްކަން އުފެދިފައިވާ ކަމަށެވެ. އެހެންކަމުން މިދަނޑިވަޅުގައި ދަރިވަރުންގެ އަޑު އެހުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދަރިވަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން، ގަދަ 10އަކަށް ދަރިވަރުން ހޮވުމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަޝިޕް ދިނުމުގައި ބަލާނެ މިންގަނޑު މުރާޖައާކޮށްފައިވާ ކަމަށެވެ.
އެގޮތުން އޭޕްރީލް/މެއި އަދި އޮކްޓޫބަރު/ނޮވެމްބަރުގައި އިމްތިހާނު ހެދި ނަމަވެސް މިހާރު ގަދަ 10 އަކަށް އަދި ސްކޮލާޝިޕަށް އެ ދަރިވަރަކަށް ވާދަކުރެވޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ދަރިވަރުން އިމްތިހާނު ހަދަން ބޭނުންވާ ދުވަސްވަރު ދެނެގަތުމަށް، ދަރިވަރުންގެ ހިޔާލު ހޯދުމަށް ސްކޫލުތަކަށް މިހާރު އަންގާފައިވާނެ ކަމަށެވެ.
ފޯމު އަނބުރާ ނެގޭނީ އައިއޭލެވެލްގެ މާއްދާތަކުން އެކަންޏެވެ. އެޗްއެސްސީ އިމްތިހާނު ހަދާ ދަރިވަރުންނަށް އިމްތިހާނު މިހާރު ތާވަލުކޮށްފައިވާ ގޮތަށް ކުރިއަށްދާނެ އެވެ.
ފޯމު އަނބުރާ ނަގަން ބޭނުންވާ ދަރިވަރުންގެ މައުލޫމާތު މި މަހުގެ 30ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެ ދަރިވަރަކު ކިޔަވާ ސްކޫލް މެދުވެރިކޮށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނަށް އަންގަންވާނެ އެވެ.
މިއަހަރުގެ އޭލެވެލް އަދި އޭއެސްލެވެލް އިމްތިހާނުތައް އަންނަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު ފަށާނެ އެވެ.
ކޮވިޑުގެ ހާލަތާ ގުޅިގެން މިދިޔަ 2020 ވަނަ އަހަރުގެ މެއި/ޖޫން އޭލެވެލް އިމްތިހާނު ބާއްވައިފައެއް ނުވެއެވެ. އެ އިމްތިހާނު ކުރިއަށް ގެންދިޔައީ އޮކްޓޯބަރު/ނޮވެމްބަރުގަ އެވެ.