29 Mar 2021, 16:31
މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރައިގެ ތެރޭގައި ޅ. ހިންނަވަރަށް އުދަ އަރާ ގެއްލުންތަކެއް ވެއްޖެ އެވެ.
ހިންނަވަރު ކައުންސިލް ރައީސް އަބްދުﷲ އިބްރާހިމް 'ސަން' އަށް ވިދާޅުވިގޮތުގައި އެރަށަށް މިއަދު ހެނދުނު 9:45 ކަންހާއިރުން ފެށިގެން ދަނީ އުދަ އަރަމުންނެވެ. އުދަ އެރުމުގެ ސަބަބުން ރަށުތެރެއަށް ވަރަށް ބޮޑަށް ލޮނުގަނޑު ވަދެ ރަށުގެ ބައެއް ގެތަކަށްވެސް ގެއްލުން ލިބުނު ކަމަށް އިބްރާހިމް ވިދާޅުވި އެވެ.
"މިވަގުތު ކޮންމެވެސް ވަރަކަށް މަޑުވެފަ އޮތީ، އެކަމަކު އިތުރަށް އަރައިފިއްޔާ ބޮޑެތި ގެއްލުންތަކެއް ވާނެ، އެއީ ރަށުގެ ސިއްހީ މަރުކަޒާއި އިންޖީނުގެ ވެސް ހުންނަނީ ބަނދަރު މައްޗާއި ވަރަށް ކައިރީގައި،" އިބްރާހިމް ވިދާޅުވި އެވެ.
އެ ސަރަހައްދުތަކަށް ލޮނުގަނޑު ފޯރާވަރަށް އިތުރަށް އުދަ އަރައިފިއްޔާ ބޮޑެތި ގެއްލުންތަކެއް ލިބޭނެކަމަށް އިބްރާހިމް ވިދާޅުވި އެވެ.
މިހާރު ރަށުގެ ލޮނުގަނޑު ބޮޑުވެފައި ހުރި ބައެއް ސަރަހައްދުތަކުގައި ޕަމްޕު ޖަހައިގެން ފެން ބޭރުކުރަމުންދާކަމަށް އިބްރާހިމް ވިދާޅުވި އެވެ.
އެމްއެންޑީއެފުންވެސް ވަނީ ހިންނަވަރުގެ ބަނދަރު ސަރަހައްދަށް އުދަ އަރައި ފެންބޮޑުވުމުގެ ރިޕޯޓުތަކެއް މިއަދު 12:26 ހާއިރު ލިބިގެން ހަރަކާތެރިވަމުންދާކަމަށް ބުނެފަ އެވެ.
"އެމްއެންޑީއެފުންވެސް އައި ވަރަށް އަވަހަށް އެހީތެރިކަން ފޯރުކޮށްދޭން. އެކަމަކު އެބޭފުޅުން އެންމެ ފުރަތަމަ ދާން ޖެހުނީ މިތާ ކައިރި ފިނޮޅެއްގައި މޫސުން ގޯސްވެގެން ތާށިވެފައި ތިބި ބަޔަކު ސަލާމަތްކުރަން. ދެން މިކޮޅަށް އައިއްސަވެސް އެހާ ރާޅު ބޮޑު، ދެން ނެރުން ވަންނަން ވަރަށް އުނދަގޫ. އެއްވެސް ގޮތަކަށް ނުވަދެވިގެން އެބޭފުޅުން އެބަ ތިއްބެވި ފެލިވަރުގައި މަޑުކުރައްވައިގެން މިވަގުތު،"
ހިންނަވަރުގައި ނެރު ކަނޑާފައި ހުރި ގޮތުން އަދި ބޭރު ތޮށިގަނޑު އެހާ ތިރިކޮށް ހުރުމުގެ ސަަބަބުން އުދައިގެ އަސަރު ވަރަށް ބޮޑަށް ކުރިކަމަށް އިބްރާހިމް ވިދާޅުވި އެވެ.
"އޭރު އެ ބޭފުޅުންނަށް [އެމްއެންޑީއެފް] ރަށަށް ކައިރިކުރެވޭ ގޮތެއް ނުވި، އެއީ ރަށުގެ ރައްޔިތުންވެސް އެބަޔަކު އެބަޔެއްގެ ކަނޑުއުޅަނދުފަހަރު ސަލާމަތްކުރަން ވާފަށް އަޅައި އައްސައި ބާރުކުރިއިރު އެޅީ ބޭރު ތޮއްޓަށް ވާ ގޮތަށް، ދެން އިތުރަށް އެހެން އެއްޗަކަށް ވަދެވޭ ގޮތެއްނުވި އެހެންވެ،" އިބްރާހިމް ވިދާޅުވި އެވެ.
ރާއްޖޭއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިރޭވެސް ގަދަޔަށް ވާރޭވެހުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ. މީގެ އިތުރުންވެސް ވިއްސާރައިގައި ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވެދާނެތީ ޑީޒާޒްޓާ މެނޭޖްމެންޓް އޮތޯރިޓީއިންވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމުންގެ ކިބައިން އެދިފަ އެވެ.