29 Mar 2021, 18:29
މުމްބާއީ (މާޗް 29): އިންޑިއާގެ މަހާރަޝްތުރާގައި ކޮވިޑް-19އިގެ ކޭސްތައް ގިނަވެ، އެ ސްޓޭޓު ފުރަބަންދު ކުރަން ތައްޔާރުވަމުންދާ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
މަހާރަޝްތުރާއިން އިއްޔެ 44،414 މީހަކަށް ކޮވިޑް ޖެހިފައިވާކަން ރިޕޯޓުކޮށްފައިވާ އިރު އެ ސްޓޭޓުން ވަނީ ބަލި ކޮންޓްރޯލް ކުރުމަށް ރޭގަނޑު ކާފިއު ހިންގަން ފަށާފަ އެވެ.
"[ކޮވިޑް-19] ޓާސްކްފޯހުން [އިއްޔެ] ބޭއްވި ބައްދަލުވުމުގައި ފުރަބަންދު ކުރުން ފަދަ ވަރަށް ހަރުކަށި ފިޔަވަޅު އަޅަން ވަނީ ލަފާ ދީފަ،" މަހާރަޝްތުރާގެ ޗީފް މިނިސްޓަރު އުދަވް ތަކެރޭގެ އޮފީހުން ބުންޏެވެ.
މަހާރަޝްތުރާގެ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި، އެކި މަރުހަލާތަކަށް ބަހާލައިގެން އެ ސްޓޭޓް ފުރަބަންދު ކުރުން އެކަށީގެންވެ އެވެ.
އިންޑިއާގެ އޭއެންއައި ނޫހުގައިވާ ގޮތުން މަހާރަޝްތުރާގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވެފައި ވަނީ ރައްކާތެރިކަމުގެ ގައިޑްލައިންތަކަށް މީހުން އަމަލު ނުކުރާތީ ކަމަށް ތަކެރޭ ވިދާޅުވި އެވެ. އަދި ފުރަބަންދު ކުރުން ފަދަ ފިޔަވަޅު އަޅަން ވިސްނަން ޖެހެނީ އޭގެ ސަބަބުން ކަން އޭނާ ފާހަގަ ކުރެއްވި ކަމަށް އެ ނޫހުގައިވެ އެވެ.
އިންޑިއާއިން އިއްޔެ 62،714 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. އެއީ މިދިޔަ އޮކްޓޯބަރު މަހުގެ ފަހުން އެއް ދުވަސް ތެރޭ އެހާ ވަރަށް ގިނަ މީހުން ޕޮޒިޓިވިވްވި ފުރަތަމަ ފަހަރު ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. އަދި އެގައުމަކީ ތިން ވަނައަށް އެންމެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާ ގައުމެވެ. އެގޮތުން އެގައުމުން 12 މިލިއަން މީހުންނަށް ބަލި ޖެހިފައިވާ އިރު އޭގެ ތެރެއިން 2.7 މިލިއަން ކޭސް ފެނިފައި ވަނީ މަހާރަޝްތުރާއިންނެވެ.
އިންޑިއާގައި މިހާތަނަށް ކޮވިޑް ޖެހިގެން 161،000އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.