ކުރިއަށް އޮތް 48 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައި ވާތީ، ފެންބޮޑުވުމާއި ވައި ގަދަ ވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކަށް ސަމާލުވުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމެންޓު ސެންޓާ އިން އިލްތިމާސް ކޮށްފިއެވެ.

އެންޑީއެމްއޭ އިން ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް، ހާއްސަކޮށް މެދު ރާއްޖެ ތެރެއާއި ދެކުނަށް ވިއްސާރަވާނެ ކަމަށް ލަފާކޮށްފައިވާތީ ފެންބޮޑުވުމާއ ވައި ގަދަ ވުމުގެ ސަބަބުން ގޯތި ގެދޮރަށާއި މުދަލަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އެގޮތުން ފެން ބޮޑުވެ ގެއާއި ގޯތި ތެރެއަށް ފެން ވަދެދާނެތީ ވެލި ބަސްތާ ޖަހައި ހެދުމަށައި ފެން ބޮޑުވެެއްޖެ ނަމަ ގެެއްލުންވެދާނެ މުދާ ފެން ނުޖެހޭނެހެން އުސް ތަންތަނަށް ބަދަލު ކުރުމަށްވެސް އެންޑީއެމްއޭ އިން އިލްތިމާސް ކުރެއެވެ.

މީގެ އިތުރުން ގަދަ ވައިގެ ސަބަބުން އެއްލައިލަފާނެ ތަކެތި ބަނދެ ރައްކާތެރި ކުރުމަށާއި ގޭގެ ފުރާޅުވެސް އެއްލާލަފާނެކަމަށް ބެލެވޭނަމަ ވާ ޖަހައި އެއްސުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ކަރަންޓުން ބޭނުން ކުރާ ތަކެތި ބޭނުން ނުކުރާނަމަ ނިއްވާ ލުމަށްވެސް އެންޑީއެމްއޭ އިން އިލްތިމާސް ކުރެ އެވެ.

ވިއްސާރަވެ ވައިގަދަވާނެތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ދަތުރުަށް ނިކުންނައިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމު ފުރިހަމަ ކުރުމަށް އެ އިދާރާ އިން އިލްތިމާސް ކުރެއެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި އައްޑޫ އާއި ފުވައްމުލަކުގެ ބައެއް ގޭގެއަށް ފެންވަދެ ވަނީ ގެއްލުން ވެފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ މިއަދާ މިރޭ ދެކުނާއި މެދުރާއްޖެތެރޭގެ ބޮޑުބަޔަކަށާއި އުތުރުގެ އެކިހިސާބަށް ވިއްސާރަވެ ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.