މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވުމުގެ ސަބަބުން މާލެ ކައިރީގައި އަޅާފައި އޮތް "ޓްރާސް-ފިއުލް 8" ނަމަކަށް ކިޔާ ތެޔޮ ބާޖެއްގެ ނަގިލި ކަހާލައިގެން ގޮސް ފަރަކަށް ލައްވެއްޖެ އެވެ.

އެމްއެންޑީއެފްއިން ބުނީ ވައިބާރުވެ، ކަނޑުގަދަވުުމުގެ ސަބަބުން 68 ފޫޓުގެ އެ ބާޖުގެ ނަގިލި ކަހާލައިގެން ގޮސް، ކ. ފޭދޫފިނޮޅުގެ ދެކުނު ފަރާތު ފަރުމައްޗަށް ލައްވެފައިވާ ކަމަށެވެ.

އެ ހާދިސާގެ ރިޕޯޓު މިއަދު 12:48ހާއިރު ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑުން ވަނީ ހަރަކާތްތެރިވާން ފަށާފަ އެވެ.

އެ ހާދިސާ ހިނގިއިރު ބާޖުގައި ތިން މީހުން ތިއްބެވެ. އެއީ ދިވެއްސަކާއި ދެ ބިދޭސީންނެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދު ތިލަފުށިން ހުޅުމާލެއަށް ދަތުރުކުރި ތެޔޮއުފުލާ ބޯޓެއް ވަނީ އަޑިއަށް ގޮސްފަ އެވެ.

ވިއްސާރަވެ، ކަނޑުގަދަވާނެތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

މެޓުން ލަފާކޮށްފައިވާ ގޮތުން ކޮޅިގަނޑުގައި 55 މޭލަށް ވައިގަދަވާނެ އެވެ. އަދި ގުގުރުމާ އެކު ބޯކޮށް ވާރެވެހޭނެ ކަމަށް ލަފާކޮށް ބ. އަތޮޅުން ފެށިގެން އައްޑޫއާއި ހަމައަށް ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ.