22:45


ރައްޔިތުންގެ މަޖިލިސްގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ތިން ދުވަހަށް ގޭބަންދުކުރުމަށް ޖީނާއީ ކޯޓުން ކޮށްފައިވާ ހުކުމާ ދެކޮޅަށް ނާޒިމާއި ފުލުހުން ވެސް ހުށަހަޅައިފައިވާ އިސްތިއުނާފުގެ މައްސަލައިގެ އަޑުއެހުން ހައިކޯޓުގައި ދެންމެ ނިމިއްޖެ އެވެ.


ޖީނާއީ ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކޮށްފައިވާ ހުކުމުގައި ވަނީ ފުލުހުންގެ ތަހުގީގަށް ތިން ދުވަހު ނާޒިމް ގޭބަންދުކުރި ނަމަވެސް، ރައްޔިތުންގެ މަޖިލިސްގެ ޖަލްސާތަކަށާއި ކޮމިޓީތަކަށް އޭނާ އަށް ހާޒިރުވެވޭނެ ކަމަށެވެ. އަދި ރާއްޖެއިން ބޭރަށް ވަޑައިގެންނެވޭނީ ކޯޓުގެ ހުއްދައާއެކުގައި ކަމަށެވެ.


މި މައްސަލަ އިސްތިއުނާފު ކުރީ ދެ ފަރާތުން ކަމަށް ވާތީ، ޝަރީއަތް ކުރިއަށް ދިޔައީ ވެސް، ގުޅިފައިވާ ދެ ގަޒިއްޔާގެ ގޮތުގަ އެވެ.


ހައިކޯޓުގައި މި މައްސަލަ އެންމެ ފުރަތަމަ އިސްތިއުނާފުކުރީ ނާޒިމްގެ ފަރާތުންނެވެ. ނާޒިމްގެ ގާނޫނީ ވަކީލުން ވިދާޅުވީ ތިން ދުވަހު ބަންދުގައި ނާޒިމް ބަހައްޓަންޖެހޭ އެއްވެސް ހެއްކެއް، ގަރީނާއެއް ފުލުހުންނަށް ހުށަހެޅިފައިނުވާތީ، އެއީ ބާތިލް ހުކުމެއް ކަމަށެވެ. އަދި ގޭބަންދުގައި ބެހެއްޓުމަށް ނާޒިމްގެ ގާނޫނީ ހައްގުތަކަށް އަރައިގަނެވޭ ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.


ފުލުހުންގެ ވަކީލުންގެ ޓީމުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ، ތިން ދުވަހަށް ނާޒިމް ގޭބަންދުގައި ބަހައްޓައިފައިވުމުން، ތުހުމަތުކުރެވޭ މައްސަލައިގެ ބާވަތުން، ބަންދުކުރުމުގެ މަގުސަދު ގެއްލޭ ކަމަށެވެ. އަދި ނާޒިމްގެ މުވާސަލާތީ ތަކެތި އަތުނުލައި، ގޭގައި ބެހެއްޓުމުން، ބޭނުން ބަޔަކާ، ބޭނުން އިރަކު ބައްދަލުކުރުމަށް ފުރުސަތު އޮންނަ ކަމަށާއި، ހެކި ފޮރުވުމާއި ހެއްކަށް ނުފޫޒު ފޯރުވުމާއި ކޯޓަށް ހާޒިރުނުވެ ފިލުން ވެސް އެކަށީގެންވާތީ އެކަށީގެންވާ މުއްދަތެއްގައި ޖަލުގައި ބަންދުކުރުމަށް ހުކުމް އިއްވަވައިދިނުމަށް ޝަމީމް އެދިވަޑައިގަތެވެ.


ގާތްގަނޑަކަށް ދެ ގަޑިއިރަށް ދިގުދެމިގެންދިޔަ ޝަރީއަތުގެ މަޖިލިސް ފަނޑިޔާރު ނިންމަވާލެއްވީ އެ ދެ ގަޒިއްޔާގެ އަޑުއެހުން ނިމުނީ ކަމަށް ވިދާޅުވެ، ހުކުމް އިއްވުން އޮންނާނެ ތާރީހަކާއި ވަގުތެއް ފަހުން އިއުލާންކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.


ތިން ދުވަހުގެ މުއްދަތަށް ނާޒިމް ގޭބަންދުކުރީ ބުރާސްފަތި ދުވަހުގެ ރޭ ނުވައެއްޖަހަން ކައިރިވެފައި ވަނިކޮށެވެ. އެހެންކަމުން، އިތުރު ހުކުމެއް ނުކޮށްފި ނަމަ، އޭނާގެ ބަންދުގެ މުއްދަތު މާދަމާ ރެއަށް ހަމަވާނެ އެވެ.